01 Oct 2013, 16:41
ހިޔުމަން ރައިޓްސް ކޮމިޝަނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އަދި ޕްރޮސިކިޔުޓާ ޖެނަރަލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަށް މިއަދު ހާޒިރުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަށް ތިން މުއައްސަސާ ހާޒިރުކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފުލުހުން ހައްޔަރު ކުރުމުގައި އަމަލުކޮށްފައި ވަނީ ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިންތޯ ސާފު ކުރުމަށެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ ރައީސް ޑރ. އަބްދުﷲ ވަހީދު ވިދާޅުވީ އެމްޑީޕީގެ މުޒާހަރާ ތެރެއިން އަލީ އާޒިމް ހައްޔަރުކޮށްފައި ވަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް އެ ކޮމިޝަންގެ މުޒާހަރާ މޮނީޓަރިން ޓީމުން ވެސް ބުނެފައިވާ ކަމަށެވެ. އަދި އާޒިމް ހައްޔަރު ކުރި ގޮތާ ބެހޭ ގޮތުން އޭނާ ވިދާޅުވެފައިވާ ވާހަކަތަކާއި ކޮމިޝަންގެ ފަރާތުން އެ މުޒާހަރާ މޮނީޓާ ކުރި ޓީމުން ދެއްކި ވާހަކަތަކާ މާ ބޮޑު ތަފާތެއް ނެތް ކަމަށް ޕީއައިސީގެ ރައީސް ވިދާޅުވި އެވެ.
އާލީ އާޒިމް ހައްރު ކުރެއްވި ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕީއައިސީގެ މެންބަރުން ވިދާޅުވީ މިހާރު އެ މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން އަލީ އާޒިމް ހައްޔު ކުރި ގޮތާއި ބިޑި އަޅުއްވައި ފަހުން ކަންތައްތައް ކުރައްވާފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
ޕީއައިސީގެ މެންބަރުން ވިދާޅުވީ މުޒާހަރާތަކުގައި ބައެއް ފަރާތްތަކުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ނިސްބަތްކޮށް ވަރަށް ބޭއަދަބީ ބަހުން ވާހަކަ ދައްކަވަމުންދާ ކަމަށެވެ. އެހެންނަމަވެސް އަލީ އާޒިމް ހައްޔަރު ކުރި ރޭ ކުރި މުޒާހަރާއަކީ އެހެން މުޒާހަރާތަކާ އަޅާބަލާ އިރު ކެތްތެރިކޮށް ދިޔަ މުޒާހަރާއެއް ކަމަށް ކޮމިޝަނުން ދެކޭ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
އަބްދުﷲ ވަހީދު ވިދާޅުވީ މިހާރު އެމްޑީޕީން ކުރަމުންދާ މުޒާހަރާތަކަކީ ސުލްހަވެރި މުޒާހަރާތަކެއް ކަމަށް ވިދާޅުވުމަށް ދަތިކަމަށެވެ. އެގޮތުން މުޒާހަރާތަކުގައި ފުލުހުންނާ ދިމާލަށް ފުޅި ފަދަ ތަކެތި އުކާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. މީގެ އިތުރުން ޕީއައިސީ އިން ބުނީ ކޮންމެ މުޒާހަރާއަކާ ގުޅިގެން ވެސް ފުލުހުންނާއި ގުޅޭ ގޮތުން އެ ކޮމިޝަނަށް ތަފާތު އެކި ޝަކުވާ ލިބޭ ކަމަށާއި އަދި އެ ޝަކުވާތައް ބެލުމަށް ފަހު ބައެއް ފުލުހުންނާ މެދު ފިޔަވަޅު އަޅަން އަންގާފައިވާނެ ކަމަށެވެ.
ކޮމެޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިޔުޓާ ޖެނަރަލް އަހުމަދު މުއިއްޒު ވިދާޅުވީ އަލީ އާޒިމް ހައްޔަރު ކުރުމުގަ އާއި އަދި އޭގެ ފަހުގައި ކަން ހިނގާފައިވާ ގޮތާއި ހިނގަމުންދާ ގޮތް އެ އޮފީހުން މިހާރު ބަލަމުންދާ ކަމަށެވެ. އަދި އާޒިމު ހައްޔު ކުރުމުގައި ގާނޫނާއި ގަވާއިދުގެ ބޭރުން ކަމެއް ހިނގާފައިވޭތޯ ވިދާޅުވާން އެނގޭނީ އޭގެ ފަހުން ކަމަށް ޕީޖީ ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ ފުލުހުން ހައްޔަރު ކުރާ މީހަކާ ދޭތެރޭ ފުލުހުން އަމަލު ކުރާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ކަމުން މީހަކު ހައްޔަރު ކުރާ އިރު ބިޑި އަޅުވާނެ ގޮތާއި ހައްޔަރުކުރަން ޖެހޭނެ ގޮތް ގާނޫނުތަކުގައި ބަޔާން ވެގެންވާނެ ކަމަށެވެ. އަދި ވިދާޅުވީ މީހަކު ހައްޔަރު ކުރުމަށް ފަހު ކޯޓަށް ހާޒިރު ކުރެވޭ މީހުންނަށް ބަންދުގެ މުއްދަތު ޖެހުމުގައި އަމަލު ކުރަން ޖެހޭ ގޮތް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އެއްވެސް ކުށަކާއި ނުލައި ފުލުހުން އެއްވެސް މީހަކު ހައްޔަރުކޮށް އެ މީހަކާ ދެކޮޅަށް ފުލުހުން ހެކި އުފައްދާފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އެޗްއާރްސީއެމްގެ މެންބަރުން ވިދާޅުވީ އަލީ އާޒިމު ހައްޔަރު ކުރި ގޮތާއި އޭގެ ފަހުން ކަންހިނގާފައިވާ ގޮތާއި ހިނގަމުންދާ ގޮތް މިހާރު އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އަދި އެ ބޭފުޅުން ވިދާޅުވީ މިހާރު އެމްޑީޕީ އިން ކުރަމުންދާ މުޒާހަރާތައް ވެސް އެ ކޮމިޝަނުން އޮބްޒާވް ކުރަމުންދާ ކަމަށެވެ.