ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްފައި އެއްބައިވަންތަކަށް ނަގާލައި ސިފައިންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުލިބޭ ވާހަކަތަކެއް ބަޔަކު ފަތުރަމުންދާ ކަމަށާއި އެ އަމަލުތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކުގައި އެދެމުންދާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސިފައިންގެ ތެރޭގައި ބައިބައިވުން އުފެއްދުމަށްޓަކައި ސިފައިންގެ ދައުރު އޮޅޭ ގޮތަށް މަސައްކަތް ކުރަނީ ޓީވީ ޗެނަލްތަކާއި މީޑިއާގެ ތަފާތު ވަސީލަތްތަކުންނެވެ. ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ހިންގާ އެ އަމަލަކީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު އަމަލެއް ކަމަށާއި އެފަދަ ކަންތައްތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ސިފައިންގެ ސަފުތައް ބައިބައިކުރުވާ ފަދަ ދޮގު ހަބަރުތައް ފަތުރާ ފަރާތްތަކާ މެދު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ދެކޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

"މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ފަސްގަނޑާއި ލޮބުވެތި ރައްޔިތުންގެ ހިމާޔަތުގައި އެންމެ ފަހުނޭވާ ގުރުބާން ކުރުމަށް މާތްﷲ ގަންދީ ހުވާކޮށްގެންތިބި ބައެއްގެ ސަފުތައް ބައިބައިކުރުވާފަދަ ދޮގު ހަބަރުތައް ފަތުރާ ފަރާތްތަކުން، ހިންގަމުންދާ އެފަދަ އަމަލުތައް ހުއްޓުވުމަކީ، އެކަމުގެ ޝަކުވާ ވަކިފަރާތަކަށް ހުށަނޭޅޭ ކަމުގައި ވިޔަސް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުންނާއި މޯޅްޑިވްސް މީޑިއާ ކައުންސިލުން އަޅަން ޖެހޭ ފިޔަވަޅެއްކަމުގައި ވެސް މި މިނިސްޓްރީން ދެކެމެވެ،" ޑިފެންސް މިނިސްޓްރީ ބަޔާނުގައިވެ އެވެ.

ސަލާމަތީ ބާރުތަކުން އަމަލުކުރާ ގޮތާ މެދު ނުރުހުން ފާޅުކޮށް ސިފައިންގެ އޮފިސަރެއް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ފޮނުވި ސިޓީއެއް ކަމަށް ބުނެ ބައެއް މީޑިއާތަކުން ދަނީ ހަބަރުތައް ފަތުރަމުންނެވެ. އަދި އަންނަ ނޮވެމްބަރު 11ގެ ނިޔަލަށް ރައްޔިތުންގެ ވޯޓަކުން އައްޔަންކުރާ ރައީސުލްޖުމްހޫރިއްޔާ އަކު ނެތް ނަމަ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެންނަން ކުރަން ޖެހޭ ކަންކަން ކުރުމަށް ސިފައިންނާއި ފުލުހުންގެ އެއްބާރުލުން ހޯދުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.