ފަނޑިޔާރުނަށާއި ފަނޑިޔާރުންގެ އާއިލާތަކަށް ބިރުދެއްކުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވާހަކަ ދައްކަވާފައިވާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އޭނާ މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

އަލްހާން ފަހުމީއާ އެކު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންނެވުމަށް ފަހު އޭނާގެ ވަކީލު ނޫރުބާން ފަހުމީ ސަން އަށް ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައަކީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ސުޕްރީމް ކޯޓާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ދައްކާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ މައްސަލަ ކަމަށެވެ.

ނޫރުބާން ވިދާޅުވި ގޮތުގައި އަލްހާނާ ގުޅޭ މައްސަލާގައި އަލްހާން ފުލުހުނަށް މިއަދު ވަނީ ބަޔާން ދީފަ އެވެ. އެ ބަޔާނުގައި ފަނޑިޔާރުނަށް ބިރުދެއްކުމަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށާއި އޭނާ ފާޅުކޮށްފައި ވަނީ އޭނާގެ ޝުރޫއުތައް ކަމަށް އަލްހާން ބުނެފައި ވާނެ ކަމަށް ވެސް ނޫރުބާން ވިދާޅުވި އެވެ.

"އަލްހާން ވިދާޅުވީ ފަނޑިޔާރުނަށް އަދި ވެސް އަދި ފަނޑިޔާރުންގެ އާއިލާތަކަށް ވެސް ބިރުދެއްކުމުގެ ގޮތުން ވެސް އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށް. އޭނާ ދައްކާފައިވާ ވާހަކައަކީ އޭނާ އަމިއްލަ ޝުއޫރުތައް ކަމަށް." ނޫރުބާން ވިދާޅުވި އެވެ.

އަލްހާންގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ދެ މީހަކު ކަމަށާއި ނަމަވެސް އެއީ ކޮން ބައެއް ކަމަށް ފުލުހުން ބުނެފައިނުވާ ކަމަށް ވެސް ނޫރުބާން ވިދާޅުވި އެވެ.