ސިފައިންގެ ވަޒީފާއިންނާއި ފުލުހުންގެ ވަޒީފާއިން ވަކިކުރި ދެ މީހަކަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑް ޑައިވިން ސެލްވޭޖް އެންޑް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން ޔުނިޓްގެ ކޮމިޝަން އޮފިސަރެއްގެ ގޮތުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކި ގ.ރިވަނައިލް މުހައްމަދު އަލްތާފު އާއި ޕޮލިސް ކޯޕްރަލްގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކި ކުރި ނ.ވެލިދޫ މުތްތޮށިގޭ އިބްރާހީމް މުހައްމަދުފުޅު އަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ އިއްޔެ އެވެ.

ސިފައިންގެ ވަޒީފާއިން އަލްތާފް ވަކިކުރައްވާފައި ވަނީ ކޯސްޓްގާޑް ޑައިވިން ސެލްވޭޖް އެންޑް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން ޔުނިޓްގެ ކޮމްޕްރެސަރެއްގެ ބައެއް ގެއްލުމާ ގުޅިގެން މައްސަލައެއްގައެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އަލްތާފްގެ ދަށުން މަސައްކަތްކުރާ މީހަކާ ގުޅިގެން ކޮމްޕްރެސަރުގެ އާ ވޭލް އަލްތާފު ގެންގުޅޭ ބާ ވޭލްއަކާ ބަދަލުކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވާކަމަށެވެ. އެއީ ޖިނާއީ ކުށެއްގެ ތުހުމަތު ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ ބޭރުން އޭނާ ވަޒީފާއިން ވަކިކުރުމަކީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ ގޮތުން އެއްކުށަށް ދެ އަދަބު ދިނުން ކަމަށް ބަލަން ޖެހޭ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ސިފައިންގެ ވަޒީފާއިން އަލްތާފް ވަކިކުރި ކުރުން ބާތިލްކޮށް ކުރިން އޭނާ އަދާކުރަމުން ދިޔަ ވަޒީފާއާ އެއްފެންވަރެއްގެ ވަޒީފާއެއް 15 ދުވަހުގެ ތެރޭގައި ދިނުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ. އޭގެއިތުރުން 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން ވަޒީފާ ދިނުމާ ހަމައަށް ލިބެންވާ މުސާރަ އާއި އިނާޔާތްތައް 30 ދުވަހުގެ ތެރޭގައި ދިނުމަށް ވެސް ޑިފެންސް މިނިސްޓްރީގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.

އިބްރާހީމް މުހައްމަދުފުޅު ވަޒީފާ އިން ވަކިކޮށްފައި ވަނީ ޕޮލިސް ޓޯޔާޑްގައި ބަހައްޓާފައިވާ ތިޖޫރީ އަށް ފައިސާލުމާއި އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖަމާކުރުމުގެ އެންމެހައި ކަންކަން ހަވާލުކޮށްފައި ވަނިކޮށް އެ ތިޖޫރީން 241،215ރ. ވީނުވީއެއް ނޭނގި ގެއްލުނު މައްސަލާގައި އިހުމާލުވެފައިވާތީ އެޅި އިދާރީ ފިޔަވަޅެއްގެ ގޮތުންނެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެއީވެސް ޖިނާއީ ތުހުމަތެއް ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ތަހުގީގުކުރުމާއި ކަންކަން ކުރިއަށް ދަނިކޮށް އެ މަރުހަލާތައް ނިމި ގޮތެއް ކަނޑައެޅުމުގެ ކުރިން އިދާރީ ފިޔަވަޅު ނޭޅޭނެ ކަމަށެވެ. އެހެން ކަމުން އޭނާ އަދާކުރި ވަޒީފާ ނުވަތަ އެ ވަޒީފާއާ އެއްވަރުގެ ވަޒީފާއެއް 15 ދުވަހުގެ ތެރޭގައި ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.

އޭގެއިތުރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އޭނާ އަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.