01 Oct 2013, 15:37
އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީސް އިންތިހާބުގައި މެންބަރުން އިންތިހާބުކުރަން ޖެހޭ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުށަހަޅައިފި އެވެ.
މިހާރު ހިނގަމުންދާ ރައްޔިތުން މަޖިލީސް 77 ދާއިރާ އަށް ބަހާލާފައި ވަނީ ނަމަވެސް އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި 85 ދާއިރާ އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ވަގުތީ ރިޕޯޓުގައި ބުނެފައިވެ އެވެ.
ދެހާސް ނުވަ ވަނަ އަހަރު ބޭއްވި އިންތިހާބަށް ވުރެ އަށް ދާއިރާ އިތުރުކޮށްފައިވާ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަންނާއި އަތޮޅު އިލެކްޝަންސް ޔުނިޓްތަކާއި އައްޑޫ ސިޓީ އިލެކްޝަންސް ޔުނިޓުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކުން ޝަކުވާ ފޯމް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އިލެކްޝަނުން އާންމުކޮށްފައިވާ ވަގުތީ ރިޕޯޓުން ދައްކާ ގޮތުން މާލެގައި މިހާރު 11 ދާއިރާ އޮތް ނަމަވެސް އަންނަ އަހަރު އިންތިހާބީ 13 ދާއިރާ އޮންނަ އިރު އައްޑޫ ސިޓީގައި މިހާރު އޮންނަ ހަ ދާއިރާގެ ބަދަލުގައި ހަތް ދާއިރާ އޮންނާނެ އެވެ.