ޔޫރިން ޓެސްޓް ކުރުމަށް ފުލުހުން ބޭނުން ކުރާ ދަޅުފަދަ ތަކެތީގައި މަސްތުވާތަކެތީގެ އަސަރު ހުންނަ ކަމަށް ކުރަމުން ގެންދާ ތުހުމަތުތަކާ ގުޅިގެން އެފަދަ ކަމެއް ހުރިތޯ ބަލައި ރައްޔިތުންނަށް ހަގީގަތް ހާމަކޮށް ދިނުމަށް ފުލުހުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގައި އެދިއްޖެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ޕީއައިސީ އަށް ހުށަހެޅީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރަން ސާމްޕަލް ނަގާ އިރު ކުޑަކަމުދާ ތަކެތި ޓެސްޓް ކުރަން ފުލުހުން ބޭނުންކުރާ ދަޅުފަދަ އެއްޗެހީގައި މަސްތުވާތަކެތީގެ އަސަރުތައް ހުންނަ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތާރިގު ކުރައްވާފައިވާ ތުހުމަތަކާ ގުޅިގެން ކަމަށެވެ. އަދި އޭނާ އެގޮތަށް ތުހުމަތު ކުރައްވާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަމުން ކަމަށެވެ.

ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ޕީއައިސީ އަށް އެ މައްސަލަ އިއްޔެ ހުށަހަޅާފައި ވަނީ ތޯރިގު ކުރައްވާފައިވާ ތުހުމަތާ ގުޅިގެން ފުލުހުންގެ މަސައްކަތަށާއި ފުލުހުންގެ ތަޙުގީގާ ދޭތެރޭ ރައްޔިތުންގެ އިތުބާރު ކުޑަވެ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާއި ފުލުހުންގެ މަސައްކަތާއި ތަހުގީގާ ދޭތެރޭ ޝައްކު އުފެދުމުގެ ފުރުސަތު ލިބިގެންދާނެތީ އެކަންކަން އޮންނަ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ކުޑަކަމުދާ ތަކެތި ތަޙުލީލު ކުރުމަށް ސާމްޕަލް ނަގާ އިރު އެތަކެތި ރައްކާކުރާ ދަޅުފަދަ ތަކެތީގައި ކުޑަކަމުދާ ތަކެތީގެ އަސަރު ހުންނަ ކަހަލަ އެއްޗެހި ފުލުހުން ޔޫރިން ނެގުމަށްދޭ ތަށްޓަށް އަޅާފައި ދިނުމާއި މިޒާތުގެ ނުބައި ޖަރީމާތައް ފުލުހުން ހިންގަމުންދާ ކަމަށް ތޯރިގު ކުރައްވާފައިވާ ތުހުމަތު ބައްލަވައި ދެއްވައި އެކަން އިންތިޒާމުވެފައި އޮންނަ ގޮތް ހާމަކޮށްދެއްވުމަށް،" ފުލުހުން އެދިފައިވެ އެވެ.

ފުލުހުން ބުނީ އެފަދަ ކަންކަމަކީ އެކަމުގެ ހަގީގަތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އޮޅުންފިލާފައި އޮންނަން ޖެހޭނެ ކަންކަން ކަމުގައިވާތީ އެކަން ވީއެންމެ އަވަހަކަށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ވެސް ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގައި ފުލުހުން ވަނީ އެދިފަ އެވެ.