01 Oct 2013, 14:58
ހަމަނުޖެހުން އުފައްދާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ( އެޗްއާރްސީއެމް) ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައިފި އެވެ.
އެޗްއާރްސީއެމުން އާދިއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހަމަނުޖެހުން އުފެދޭ ގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތައް ހޯދައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރިކާމާ އެކު އަދި ކެތްތެރިކަމާ އެކު ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށް އެކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ. އަދި ރާއްޖޭގައި ގާއިމް ވެފައިވާ ދިމިގްރާތީ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ކަންތައް ނުކުރުމަށް ވެސް އެކޮމިޝަނުން ވަނީ ގޮވައިލައިފަ އެވެ.
"މީހުންނަށް އަނިޔާ ނުކުރުމަށާއި މީހުންގެ މުދަލަށް ގެއްލުން ނުދިނުމަށާއި ދެން މީހުން ރުޅިއަރުވާ ނަފްރަތު އުފެދޭ ކަހަލަ ކަންކަން ނުކުރުމަށް ގޮވާލަން. އަދި އެކަން އެހެން ކުރާ ފަރާތްތަކާ މެދު ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލަން،" ކަރީމް ވިދާޅުވި އެވެ.
ހަމައެއާ އެކު ރުޅިވެރިކަމާއި ނަފްރަތު އުފެދޭ ގޮތަށް ކަންކަން ނުބެހެއްޓުމަށާއި ހަގީގަތް އޮޅޭގޮތަށް ބަސްމަގު ނުބެހެއްޓުމަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ މެމްބަރު އަހުމަދު އަބްދުލްކަރީމް ވިދާޅުވީ ރިޔާސީ އިންތިހާބު ފަސް ކުރުމާއި ގުޅިގެން އެމްޑީޕީ އިން ކުރަމުންދާ މުޒާހަރާތައް އެ ކޮމިޝަނުން އޮބްޒާވް ކުރަމުންދާ ކަމަށާއި ފުރަތަމަ ދެދުވަހު މީޑިޔާ މެދުވެރިކޮށް އޮބްޒާވްކޮށްފައި ވާނޭ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.