01 Oct 2013, 14:34
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ބަންޑާރަ ނައިބް އައިޝަތު އާޒިމާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ނޯޓިސް މިއަދު ފޮނުވައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހަޅައިފައިވާ އެމައްސަލައާ ގުޅިގެން ނާޒިމާ އާއި އާޒިމާއަށް 14 ދުވަހުގެ ނޯޓިސްއެއް ފޮނުވާފައި ވަނީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ކަމަށެވެ.
އާޒިމާއާ ނާޒިމުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްގެންނެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ގާނޫނު އަސާސީގައިވާ ގޮތަށް 26 މެމްބަރުންގެ ސޮޔާއި އެކުގަ އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ)ގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 10 މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށާއި އަދި މި މާއްދާގެ (ށ) ގައިވަނީ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހުށަހެޅުމަކާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސްކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެ ކަމަށެވެ. އަދި އެބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 177 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވަޒީރެއްގެ މައްޗަށް ހުށަހެޅޭ އިތުބާރުނެތްކަމުގެ މައްސަލައެއްގައި މަޖިލީހުގައި ބަހުސްކުރެވޭނީ ޖުމްލަ ދެ ގަޑިއިރެވެ.
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މީގެ ކުރިން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް އެފަހަރު ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.