ބަންގްލަދޭޝްގެ ޕާލަމެންޓް މެމްބަރަކު މެރުމަށް އެގައުމުގެ "ވޯކްރައިމް ޓްރައިބިއުނަލް"އިން މިއަދު ހުކުމްކޮށްފި އެވެ.

އިދިކޮޅު ސިޔާސީ ލީޑަރެއް އަދި ޕާލަމެންޓް މެމްބަރެއްގެ ގޮތުގައި ހުންނެވި ޞަލާހުއްދީން ގައުދާރު ޗައުދަރީ މެރުމަށް ހުކުމްކުރީ ބަންގްލަދޭޝް މިނިވަން ވުމަށް (އެގައުމު އުފެއްދުމަށް) ކުރި ހަނގުރާމާގައި ގިނަ ކުށްތަކެއް ކޮށްފައިވާކަން ސާބިތުވެގެންނެވެ.

އުމުރުން 64 އަހަރުގެ ޗައުދަރީގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކުގެ ތެރޭގައި ގަތުލުއާއްމު ހިންގުމާއި ރޭޕްކުރުމާއި ލާއިންސާނީ އަނިޔާ ކުރުމުގެ ކުށް ހިމެނޭ ކަމަށް އަލްޖަޒީރާ ބުންޏެވެ. އޭނާއާ ދެކޮޅަށް ބަންގްލަދޭޝް ސަރުކާރުން އުފުލި ދައުވާގައި ބުނެފައި ވަނީ ބަންގްލަދޭޝް މިނިވަންވި ހަނގުރާމައިގައި ޕާކިސްތާނު ސިފައިންނާ ގުޅިގެން 200 މީހުން މަރާފައިވާ ކަމަށެވެ.

ހަނގުރާމައިގެ ކުށްތައް ބެލުމަށް ކަމަށް ބުނެ ބަންގްލަދޭޝް ސަރުކާރުން އުފައްދާފައިވާ ކޯޓް "ވޯކްރައިމް ޓްރައިބިއުނަލް" އަކީ އިންސާފުވެރި ކޯޓެއް ނޫން ކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެކޯޓުން މިހާތަނަށް ކޮށްފައިވާ މިފަދަ ހުކުމްތަކާ ދެކޮޅަށް މި އަހަރު ކުރި މުޒާހަރާތަކުގައި 100 މީހުން މަރުވެފައިވެ އެވެ.
ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީ އަށް ނިސްބަތްވާ ޗައުދަރީގެ މައްޗަށް މަރުގެ ހުކުމް ކުރުމުގެ ކުރިން އެގައުމުގެ ސަރުކާރުން ވަނީ ވެރިރަށް ޑާކާއި ޗައުދަރީގެ އުފަން ރަށުގައި ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.