މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ފުލުހަކު ހަމަލާދިންކަން ސާބިތު ކުރުމަށް 13 މީހަކު ހެކީންގެ ގޮތުގައި ހުށަހަޅައިފި އެވެ.

ފުލުސް އޮފިސަރު ގދ. ތިނަދޫ ރޯޒީވިލާއިރު މުހައްމަދު ވަހީދުގެ މައްޗަށް އުފުލާފައިވާ މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް 13 މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

މުހައްމަދު ވަހީދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.

މުހައްމަދު ވަހީދުގެ މައްޗަށް މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އޭނާ ގެންގުޅުނު ދަގަނޑު ކެނިސްޓަރުން ރީކޯ މޫސާގެ ބޮލުގައި ޖަހައި ބޯ ފަޅާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ރީކޯ މޫސަގެ އިތުރުން މާރިޔާ އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ވެސް ދައުލަތުން ވަނީ ފުލުހެއްގެ މައްޗަށް ދައުވާ އުފުލާފަ އެވެ.

މާރިޔާ އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުވާ އުފުލާވައި ވަނީ މއ. ރަވްޟާ އިބްރާހީމް ފައިސަލްގެ މައްޗަށެވެ. އޭނާ ވެސް ވަނީ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ.