ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓްލާ މަރުކަޒުތަކުގައި ވޯޓް ލަމުން ގެންދިޔަ ގޮތް ބެލުމަށް ޓަކައި އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރަމުން ގެންދިޔަ ސޮފްޓްވެއާއެއް ސުޕްރީމް ކޯޓުން އެދިގެން ފޮނުވައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓަށް އިއްޔެ ފޮނުވާފައިވާ ސޮފްޓްވެއާއަކީ ވޯޓްލާ މަރުކަޒުތަކުގައި ކިޔުގައި ތިބޭ މީހުންގެ އަދަދާއި ވޯޓްލަމުންދާ މީހުންގެ އަދަދު ބެލުމަށް އެކޮމިޝަނުން ބޭނުން ކުރަމުން ގެންދިޔަ ގެންދިޔަ ބެލޮޓް ޕްރޮގްރެސް ރެކޯޑިން (ބީޕީއާރު) ޕްރޮގްރާމްގެ ސޮފްޓްވެއާއެއް ކަމަށެވެ.

"ކޮންމެ ވޯޓް ފޮއްޓެއްގެ ކައިރީގައި ވެސް އިންނާނެ ނެޓް ބުކެއް. އޭގައި އިންނާނީ މިދަންނަވާ ޕްރޮގްރާމް އަޅައިފައި. އެ ޕްރޮގްރާމް މެދުވެރިކޮށް އަޅުގަނޑުމެންގެ ސާވާއަށް ލިބެމުންދާނެ ވޯޓްލާ މީހުންގެ އަދަދުތައް." ފުއާދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ކޮންމެ ވޯޓް ފޮއްޓެއްގެ ކައިރީގައި ވެސް މިފަދަ ނެޓް ބުކެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ގާއިމްކޮށްފަ އެވެ.

ސުޕްރީމް ކޯޓށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް ބުނެ އިންތިހާބު ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިހާރު ނިންމާލައިފައިވާ އިރު އެ މައްސަލައިގައި ވިހާ ވެސް އަވަހަށް ހުކުމް އިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބުނެފަ އެވެ.