01 Oct 2013, 13:40
ސްރީލަންކާގައި އެ ގައުމުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ސްރީލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ މިރާ އިން މިއަދު ބުނީ އެ ގައުމުގެ ވެރިރަށް ކޮޅުނބުގެ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓްގައި އެގައުމުގެ ފުލުހުން އިއްޔެ ދިވެއްސަކު ހައްޔަރުކުރީ ވިސާ ހަމަވުމަށް ފަހު ވެސް އޭނާ އެގައުމުގައި ހުރެ، އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ކަމަށެވެ.
އަދި ބުނީ ނިގޮމްބޯ މެޖިސްޓްރޭޓް ކޯޓަށް އޭނާ މިއަދު ހާޒިރުކުރާނެ ކަމަށެވެ. ލަންކާގައި ހައްޔަރުކުރި މީހާއަކީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަން އަދި އޮޅުމެއް ނުފިލަ އެވެ. އަދި އޭނާގެ އުމުރެއް ވެސް ނޭނގެ އެވެ.
އަވަށްޓެރި ގައުމުތަކަށްދާ ދިވެހިންގެ ވިސާ ހަމަވުމަށް ފަހު ވެސް އެގައުމުތަކުގައި ތިބޭ މައްސަލަ ފަހަކަށް އައިސް ގިނަވެފައިވެ އެވެ. އަދި އެކި އެކި ކުށް ކުށުގައި އެހެން ގައުމުތަކުގައި ހައްޔަރުވާ ދިވެހިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ޖަލުތަކުގަ އާއި ހައްޔަރުގައި 13 ދިވެއްސަކު އެބަތިބި ކަމަށް ފޮރިން މިނިސްޓްރީން މިދިޔަ އަހަރު ބުންޏެވެ. ދިވެހިން ޖަލަށްލާފައިވާ ގައުމުތަކުގެ ތެރޭގައި އިޓަލީވިލާތާއި ސޫރިޔާ އާއި އިންޑިއާ އާއި ސްރީލަންކާ ހިމެނެ އެވެ.
ރާއްޖޭގައި ކުށްކުރުން އިތުރުވެފައިވާ އިރު ދިވެހިން އެހެން ގައުމުތަކުގައި ކުށްކުރުން ވެސް އަންނަނީ އިތުރުވަމުންނެވެ.