01 Oct 2013, 13:30
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އަށް ޖަވާބުދާރީވުމަށް އޭނާ އަށް ފުރުސަތު ދެއްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަދުވަހުގެ ފަތިހުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި ހާމިދު އިތުރު ބަޔަކާ އެކު މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހާމިދު ހާޒިރުކޮށްފައި ވަނީ ފުލުހުން މެދުވެރިކޮށް ހައްޔަރުކޮށްގެނެވެ. ޝަރީއަތަށް ފަހު އޭނާ ވަނީ ދޫކޮށްލާފަ އެވެ.
އެ މައްސަލައިގައި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހާމިދުގެ ފަރާތުން ދައުވާ އަށް ޖަވާބުދާރީވުމެވެ.
ހާމިދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާ އަށް އޭނާ ވަނީ އިންކާރު ކުރައްވާފަ އެވެ.
އެ ދެ ދައުވާގެ އިތުރުން ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ވަނީ ހާމިދުގެ މައްޗަށް އުފުލާފަ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށައެވެ.