01 Oct 2013, 13:17
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 3-2 އިން މޮޅުވެ އެވަޓަން، ލީގު ތާވަލުގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލައިފި އެވެ.
މި ސީޒަންގައި އެއްވެސް މެޗަކުން ބަލިނުވެ ތާވަލުގެ ހަތަރު ވަނައަށް އެވަޓަން ކުރިއަށް ޖެހިލީ، ލީގުގައި މިހާތަނަށް އެ ޓީމު ކުޅުނު ހަ މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގައި އެވަޓަން ކާމިޔާބުކުރި ތިން ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގަ އެވެ. އެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗެލްސީ އިން ލޯނުގެ ދަށުން އެޓީމަށް ގެންގޮސްފައިވާ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ރޮސް ބާކްލޭ އެވެ.
ނިއުކާސަލް އިން ފަހު ހާފުގައި ކުޅުން ރަނގަޅުކޮށް ދެ ލަނޑު ކާމިޔާބު ކުރި ނަމަވެސް ތިންވަނަ ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. ނިއުކާސަލްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މެޗުގެ 51 ވަނަ މިނިޓުގައި ޔޯހާން ޗަބަޔޭ އަދި 89 ވަނަ މިނިޓުގައި ލޮއިޗް ރެމީ އެވެ.
އިނގިރޭސި ޕްރިމިއަ ލީގުގައި ހުރިހާ ޓީމެއް ވެސް މިހާރު ވަނީ ހަ މެޗު ކުޅެފަ އެވެ. ތާވަލަށް ބަލައިލާ އިރު 15 ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ އާސެނަލް އެވެ. 13 ޕޮއިންޓާއެކު ލިވަޕޫލް ދެ ވަނައިގައި އޮތްއިރު އެވަރަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ ޓޮޓެން ހަމް އެވެ.
ލީގުގެ ހަތަރު ވަނައިގައި 11 ޕޮއިންޓާއެކު ޗެލްސީ އޮތް އިރު ރޭގެ މެޗުން ބަލިވި ނިއު ކާސަލް އޮތީ 7 ޕޮއިންޓާއެކު 16 ވަނައިގަ އެވެ. އަދި 7 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް އޮތީ 12 ވަނައިގަ އެވެ.