1:09-


ފޫޅުވެސް ނުކަނޑައި އޮތް ކުއްޖަކު ހުޅުމާލޭ ގޮނޑުދޮށަށް އެއްލާލައިފައި އޮއްވައި ފެނިއްޖެ އެވެ.


ހުޅުމާލޭގައި ހުރި މީހަކު ސަން އޮންލައިނަށް މައުލޫމާތު ދިން ގޮތުގައި ފޫޅުވެސް ނުކަނޑައި އޮތްކުއްޖަކު ފެނިފައި ވަނީ ހުޅުމާލޭގައި ހުންނަ ވަތަނިއްޔާ އެންޓަނާއާ ދިމާ ގޮނޑުދޮށުންނެވެ.


ފުލުހުން ބުނެފައި ވަނީ ވިހާފައި ގޮނޑުދޮށަށް އެއްލާލާފައި އޮއްވާ ފެނުނު ކުއްޖަކީ އަންހެން ކުއްޖެއް ކަމަށެވެ. އެކުއްޖާއެކު ވިހާ މަސްވެސް އޮތެވެ.


ފުލުހުން އޮފިޝަލަކު ވިދާޅުވީ ކުޑަ އަންހެން ކުއްޖާ ފެނިފެނުނީ އާންމުންގެ ބަޔަކު ރިޕޯޓް ކުރުމުން ކަމަށާއި މިހާރު އެކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް އައިވީ ގުޅައި ފަރުވާ ދެމުން އަންނަ ކަމަށެވެ.


އަދި ބުނީ ތުއްތު ކުއްޖާގެ  ހަށިގަނޑުގެ ބޭރު ފުށުން އެއް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި މިހާރު ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި ހުޅުމާލޭ ހޮސްޕިޓަލުން އައިޖީއެމްއެޗަށް ތުއްތުކުއްޖާ ބަދަލު ކުރުމުގެ މަސައްކަތް ހިނގަމުން އަންނަ ކަމަށެވެ.


ފުލުހުން ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ. މިހާތަނަށް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.


ވިހާފައި އަންހެން ދަރިފުޅު ގޮނޑުދޮށަށް މިއަދު އެއްލައިލި އިރު މިއަދަކީ އަންހެނުންނަށްކުރާ އަނިޔާތައް ހުއްޓުވުމަށް ބައިނަލް އަގުވާމީ ގޮތުން މަސައްކަތް ކުރާ ދުވަހެވެ.


ކުޑަކުދިންނަށް އަނިޔާ ކުރުމަށް ދެކޮޅަށް ހަރަކާތްތެރިވުމަށް ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަސް، ނޮވެމްބަރު 19 ވަނަ ދުވަހު ކުޑަ އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގި ފިރިހެނަކު ވިލިމާލޭން ހައްޔަރު ކުރި އެވެ.