ރާއްޖޭގެ އިންފްލޭޝަން ރޭޓް އަހަރު ދުވަހުގެ ތެރޭގައި 2.51 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ޕްލޭނިން ޑިޕާޓްމަންޓުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޕްލޭނިން އިން މިއަދު އާންމުކޮށްފައިވާ، އިންފްލޭޝަންގެ މިންގަނޑު ވަޒަންކުރާ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް
(ސީޕީއައި) އިން ދައްކާ ގޮތުން މި އަހަރުގެ ޖުލައި މަހާ އަޅާކިޔާ އިރު އޯގަސްޓް މަހު ވަނީ 0.17 ޕަސެންޓް އިންފްލޭޝަން މައްޗަށް ގޮސްފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން ހުސްވި 12 މަސް ދުވަހުގެ ތެރޭގައި އާންމު ކާބޯތަކެތީގެ އަގު ވަނީ 5.69 ޕަސެންޓަށް މަތިވެފަ އެވެ. މިދިޔަ ޖުލައި މަހާ އަޅާ ބަލާ އިރު އޯގަސްޓް މަހުގެ އިންފްލޭޝަން ރޭޓް ވަނީ 0.22 ޕަސެންޓް މަތިވެފަ އެވެ. އެގޮތުން ކުކުޅު ބިހުގެ އިންފްލޭޝަން 6.64 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު އަލުވިގެ އިންފްލޭޝަން ވަނީ 6.44 މައްޗަށް ގޮސްފަ އެވެ.

ކާބޯތަކެތީގެ އަގު އެންމެ މައްޗަށް ގޮސްފައިވާ ބައިތަކަށް ބަލާ އިރު ހޮޓާ ކެފޭ އަދި ރެސްޓޯރެންޓްގެ ބައިގެ އިންފްލޭޝަން ވަނީ 14.50 ޕަސެންޓް އިތުރުވެފަ އެވެ. އަދި ގޭގެ ކުލި، ފެން، ތެޔޮ އަދި ކަރަންޓްގެ ބައިގެ އިންފްލޭޝަން ވަނީ 2.88 ޕަސެންޓަށް އިތުރުވެފަ އެވެ.

އޯގަސަޓް މަހު ތަފާސްހިސާބަށް ބަލާއިރު އަތޮޅުތަކުގެ އިންފްލޭޝަން އެންމެ ބޮޑަށް މައްޗަށް ގޮސްފައި ވަނީ ކާބޯތަކެތި ބައިންނެވެ. އެ ބައިން 1.32 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

އަހަރު ދުވަހުގެ ތެރޭގައި އިންފްލޭޝަން ދަށަށް ގޮސްފައިވާ ބައިތަކަށްބަލާ އިރު ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނުގެ ބައިން ވަނީ 2.32 ޕަސެންޓް ދަށްވެފަ އެވެ. އަދި ދުންފަތާއި ދުމުގެ ބައިން ވެސް 1.82 އިންސައްތަ ވަނީ ދަށަށް ގޮސްފަ އެވެ.