01 Oct 2013, 12:14
ރާއްޖޭގެ ނާޒުކު އިގްތިސާދު ބޮއިކޮޓް ކުރުމަށް ނުގޮވާ ވެރިކަމަށް އާދެވޭނެ ގާބިލުކަން ސިޔާސީ ފަރާތްތަކުން ހުނަން ޖެހޭނެ ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބުނެފި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފު މިއަދު ސަން އަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާރު މިދެކެމުން މިދަނީ ވޭތުވެ ދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ދެކެމުންދާ އެންމެ ބިރުވެރި ދުވަސްތައް ކަމަށެވެ. އަދި މިދުވަސްވަރު އިގްތިސާދާ ކުޅުމަކީ ވަރަށް ނުރައްކާތެރި ދަށު ދަރަޖައިގެ އަމަލެއް ކަމަށް އާސިފު ވިދާޅުވި އެވެ.
"މިއީ ދެން ވަރަށް ދެރަކަމެއް، ހަގީގަތުގައި އިގްތިސާދާ ނުކުޅެ ވެރިކަމަށް އާދެވޭވަރުގެ ގާބިލުކަން ރާއްޖޭގެ ސިޔާސީ ފަރާތްތަކުގައި ހުނަންޖެހޭ،" އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާ ނަމަ އެއީ ބޮޑު ބިރެއް ކަމަށެވެ. އެގޮތުން ޓޫރިސްޓުން ރާއްޖެ ނައިސް އެހެން މަންޒިލަކަށް ދާން ފަށައިފި ނަމަ އަނބުރާ ދެން ގެނައުމަކީ ވަރަށް އުނދަގޫކަމެއް ކަމަށާއި އަދި ދިވެހިން ގޮވާ ބޮއިކޮޓްގެ ފައިދާ ވާދަވެރި އެހެން މާކެޓްތަކުން ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރާއްޖެ އަށް ބޭރުގެ އެހެން ގައުމަކުން ސިފައިން އައުމަށް ގޮވުމަކީ ވެސް ރާއްޖޭގެ ވިޔަފާރިތަކަށް އޮތް ބިރެއް ކަމަށާއި އެފަދަ ކަންކަން ހުއްޓުވަން ޖެހޭ ކަމަށެވެ.
ދިވެހިންތަކެއް އިސްވެ ތިބެގެން ރާއްޖޭގެ އިގްތިސާދު ބޮއިކޮޓް ކުރުމަށް ބޭރުގެ ބޮޑެތި ނޫސްތަކަށް ވަނީ އިންޓަވިއުތައް ދީފަ އެވެ. އޭޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ) އަށް ދިން އިންޓަވިއުއެއްގައި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރު ވަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލައިފަ އެވެ.