01 Oct 2013, 11:27
ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް އެކުވެރި ކަމުގެ މެޗުތަކެއް ކުޅެން ހަމަޖެހިފައިވާ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.
މިއަދު "ސަން"އާ ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމް އަލީ ސުޒޭން ވިދާޅުވީ، ޗެލެންޖު ކަޕަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމް ރާއްޖެއިން ބޭރުގައި ތިން މެޗް މިހާރު ޔަގީން ވެފައިވައިވާއިރު އޭގެ ތެރެއިން ދެ މެޗު ކުޅޭނީ ސީސެލްސްގައި ކަމަށާއި އަނެއް މެޗު ކުޅެން ހަމަޖެހިފައިވަނީ އިންޑިއާގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު މިވަނީ ތިން އެކުވެރި ކަމުގެ ތިން މެޗެއް ޔަގީންވެފައި. އޭގެ ތެރެއިން ސީޝެލްސްގައި ކުޅޭ ދެމެޗު ކުޅެން ހަމަ ޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހު. އަދި އިންޑިއާ އާ އެކު ކުޅޭ އެކުވެރި ކަމުގެ މެޗު އަންނަ އަހަރުގެ މާޗު މަހު،" ސުޒޭން ވިދާޅުވި އެވެ. "ދެން ސީޝެލްސްގައި ކުޅޭ މެޗުތަކުގެ ހުރިހާ ކަމެއް ހަމަޖައްސައިދޭނީ އެމީހުން."
ސުޒޭން ވިދާޅުވީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން އެކުވެރި ކަމުގެ 5 މެޗު ކުޅެވޭތޯ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށާއި އޭގެ ތެރެއިން މަދުވެގެން ތިން މެޗު ރާއްޖޭގައި ބޭއްވޭތޯ މަސައްކަތް ކުރަށްވާނޭ ކަމަށެވެ.
"ގިނަ ޓީމުތައް ބޭނުންވަނީ އެމީހުންގެ ގައުމުގައި ކުޅެން. އެކަމަކު އަޅުގަނޑުމެން މި ބަލަނީ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން މި މެޗު ތަކުގެ އިތުރުން އަދިވެސް އެކުވެރި ކަމުގެ މެޗުތަކެއް ހަމަޖެއްސޭތޯ. އޭގެ ތެރެއިން މަދުވެގެން ތިން މެޗު ރާއްޖޭގައި ކުޅެވޭތޯ ބަލާނަން،" ސުޒޭން ވިދާޅުވި އެވެ.
ސުޒޭން އިތުރަށް ވިދާޅުވީ ޗެލެންޖް ކަޕް ބާއްވާ ތާރީޚް އަދި ރަސްމީކޮށް އިއުލާނު ކޮށްފައި ނުވި ނަމަވެސް ލަފާ ކުރެވެނީ މުބާރާތް ބާއްވާނީ މޭމަހުގެ 19 ހިސާބުގައި ކަމަށެވެ.
މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން 2014 ވަނަ އަހަރުގެ ޗެލެންޖް ކަޕުން ރާއްޖެއަށް ފުރުސަތު ލިބިފައިވާ އިރު ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރާނީ، އަފްޣާނިސްތާނާއި، ފަލަސްތީނާއި މިޔަންމާ އާއި ކިރުގިސްތާނާއި ތުރުކުމެނިސްތާނާއި ފިލިޕީންސާއި އަދި ލާއޮސް އެވެ.
އެފްއޭއެމުން ރާވާފައި ވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕްގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅޭށެވެ. އަނެއް ގްރޫޕުގެ މެޗުތައް ބާއްވާނީ އައްޑޫ ހިތަދޫ ޒޯން ސްޓޭޑިއަމުގަ އެވެ.