01 Oct 2013, 11:02
ރައީސް ނަޝީދުގެ ސަރުކާރުން އޭރުގެ ސަރުކާރުގެ އިސްވެރިންނަށް ދޫކޮށްފައިވާ ޑިޕޮލަމެޓިކް ޕާސްޕޯޓްތައް އުވާލުމަށް ޕީޕީއެމް އިން ގޮވާލައިފި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ (ޓީވީމުއާ) މިއަދު "ސަން" އަށް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ގިނަ ދިވެހިންތަކަކަށް، ބޮޑެތި ހާއްސަ އިނާޔަތްތަކެއް ލިބޭ ޑިޕޮލޮމެޓިކް ޕާސްޕޯޓްތަކެއް ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ޕާސްޕޯޓްތަކުގެ އެހީގައި އެފަރާތްތަކުން މިހާރު ރާއްޖޭގެ އަގު ވައްޓާލުމަށް ބޭރުގެ ގައުމުތަކުގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަމަށް މުއާޒް ވިދާޅުވި އެވެ.
"ރާއްޖެ ބަދުނާމުކޮށް އަދި ބޭރުގެ ގައުމުތަކުގައި ރާއްޖެއާއި އިދިކޮޅަށް މުޒާހަރާ މިކުރަނީ ދިވެހި ސަރުކާރުން ދޫކޮށްފައި އޮންނަ ޑިޕުލޮމެޓިކް ޕާސްޕޯޓް ބޭނުންކޮށްގެން،" މުއާ ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ މިހާރުން މިހާރަށް އެޕާސްޕޯޓް ކެންސަލް ކުރަން ޖެހޭ ކަމަށާއި އެކަން ކުރަން ސަރުކާރަށް ގޮވާލާ ކަމަށެވެ.
ޑިޕޮލޮމެޓިކް ޕާސްޕޯތް އޮތުމުން ފަސޭހަކަމާ އެކު އެއްގައުމުން އަނެއްގައުމަށް ދަތުރުތައް ކުރެވެ އެވެ. އަދި އެ ޕާސްޕޯޓް އޮންނަ ފަރާތްތަކަށް އެހެން ގައުމުތަކުން ހާއްސަ ރައްކާތެރިކަމަކާއި ލުއި ފަސޭހަކަމެއް ލިބިގެން ދެ އެވެ.