މުއާސަލާތީ ހިދުމަތުގައި ދިރާގަކީ ރާއްޖޭގެ މައި ތަނބެވެ. އެ ކުންފުނީގެ ހިދުމަތުގެ ލިސްޓް ވަރަށް ދިގެވެ. ޒަމާނީ ވަސީލަތްތަކާ އެކު ހިދުމަތް ދެމުން އަންނަ ބިޔަ ކުންފުންޏަށް މިއަދު 25 އަހަރު ފުރުނުއިރު އެ ކުންފުންޏަކީ ރައްޔިތުންގެ ހިއްސާ އޮތް ހަމައެކަނި މުއާސަލާތީ ކުންފުންޏެވެ. އަދި އެއީ މުއާސަލާތީ ހިދުމަތްދޭ އެންމެ ޒަމާންވީ ބައިވެރިޔާ އެވެ.

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގަކީ، އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަލެސް އާއި ދިވެހި ސަރުކާރު ގުޅިގެން 1988 ވަނަ އަހަރުގެ މޭ މަހުގެ 16 ވަނަ ދުވަހު އުފެދުނު ކުންފުންޏެކެވެ. އަދި އެ ކުންފުނިން ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދިނުމަށް މިއަދާ ހަމައަށް 4.7 ބިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފަ އެވެ. އެ ކުންފުންޏަކީ ފާއިތުވި 25 އަހަރުގެ ތެރޭގައި މުވާސަލާތީ ތަރައްގީއަށް ބޮޑެތި ކުރިއެރުންތައް ގެނެސްދީފައިވާ ގާބިލް ކުންފުންޏެކެވެ.

ކުރިން ދިވެހި ސަރުކާރުގެ މެޖޯރިޓީ ހިއްސާއޮތް ކުންފުނީގެ ހިއްސާ ކޭބަލް އެންޑް ވަޔާލެސް އަށް ވިއްކާލުމުން އެ ކުންފުނިން ވަނީ މިއަހަރުގެ ކުރީކޮޅު ބަހުރެއިންގެ ބަހުރެއިން ޓެލެކޮމިއުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ) އަށް ވިއްކާލައިފަ އެވެ. އަދި މި އަހަރުގެ އޭޕްރިލް ގައި ބަޓެލްކޯ ގްރޫޕުން ވަނީ ދިރާގުގެ މައި ހިއްސާދާރުގެ ގޮތުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ.

ދިރާގުން ބުނި ގޮތުގައި ދެ ހާސް ފަސް ވަނަ އަހަރު މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގެ މާހައުލު، ވާދަވެރި، ހުޅުވާލެވިފައިވާ މާހައުލަކަށް ބަދަލުވެގެން ދިޔަ ނަމަވެސް، ދިރާގަކީ މިއަދު ވެސް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް މާކެޓުގެ އެންމެ އިސް ކުންފުންޏެވެ. އަދި މިއަދު 350،000 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ، ޒަމާނީ މުވާޞަލާތީ ހިދުމަތް ހޯދައިދިނުމަށް ދިރާގު ޚިޔާރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ ފާއިތުވި އަހަރު ވެސް ދިރާގުން ވަނީ ކަސްޓަމަރުން ގަޔާވާފަދަ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދީ ވިޔަފާރީގައި ބޮޑެތި ކާމިޔާބީތައް ހާސިލްކޮށްފައިވާ ކަމަށެވެ.

ދިރާގުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ތްރީޖީ ޖީއެސްއެމް މޯބައިލް ހިދުމަތް، ލޭންޑްލައިން އަދި ހައިސްޕީޑް ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް، އެޗްޕްލަސް އަދި ތްރީޖީ އެޗްއެސްޕީއޭ މޯބައިލް ބްރޯޑްބޭންޑް ހިދުމަތް، ހޮސްޓިންގް އަދި ޑާޓާ ސެންޓަރުގެ ހިދުމަތް، އައިޑީޑީ އަދި މޯބައިލް ރޯމިންގެ ހިދުމަތް، ކޮންޓެންޓް އެސްއެމްއެސް އަދި މޯބައިލް އެންޓަޓެއިންމަންޓް ހިދުމަތް، ޓޯޓަލް ކޮމިއުނިކޭޝަން ސޮލިއުޝަންސް އަދި މެނޭޖެޑް އެންޓަޕްރައިސްގެ ޚިދުމަތް ހިމެނެ އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ދިރާގު ވަނީ ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަކަށް ބަދަލުކޮށް އެ އަހަރު ދިރާގުގައި ހިމެނޭ ދިވެހި ސަރުކާރުގެ އާއްމު ހިއްސާގެ 6.2 ޕަސެންޓް ހިއްސާ އާއްމުންނަށް ވިއްކާފައިވެ އެވެ.

ކުންފުނީގެ ޓެލެކޮމިއުނިކޭޝަން ނެޓްވޯކް އަދި އިންފްރާސްޓްރަކްޗާ:

ދިރާގު ޑޮމެސްޓިކް ސަބްމެރީން ކޭބަލް ނެޓްވާކް ގާއިމުކުރުގެ މަޝްރޫއަކީ ފަހަކަށް އައިސް އެ ކުންފުނިން ހިންގި އެންމެ ބިޔަ އެއް މަޝްރޫއެވެ. 27 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ހއ. އަތޮޅުން ސ. އަތޮޅާއި ދޭތެރޭ 1019 ކިލޯމީޓަރުގެ ކޭބަލް އަޅައި ރާއްޖޭގެ އަށް ސަރަހައްދެއްގައި ލޭންޑިން ސްޓޭޝަން ގާއިމުކޮށްފައިވެ އެވެ.

ދިރާގު ހައި ސްޕީޑް ނެޓްވާކް ރޯލްއައުޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ހިމެނޭ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ޕްރޮޖެކްޓްގެ މަސައްކަތް މިދިޔަ އަހަރު ވަނީ ނިމިފަ އެވެ.

އޭގެ އިތުރުން މި އަހަރުގެ ތެރޭގައި ނިންމިފައިވާ ނެޓްވާކް އަދި އައިޓީ ދާއިރާގެ މަޝްރޫއުތަކުގެ ތެރޭގައި މައިކްރޯވޭވް، މޮބައިލް އަދި އިންޓަނެޓް ނެޓްވާކްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

"މި މަޝްރޫއުގެ ސަބަބުން މި ނެޓްވަކްތަކުގެ ކެޕޭސިޓީ އިތުރު ކުރެވި ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ހިދުމަތްތައް އަވަސްވެ، ފުރިހަމަ ކުރެވިފައިވޭ." ދިރާގުން ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނިން ރާއްޖޭގެ 49 ރަށަށް ތްރީ ޖީގެ ހިދުމަތް ފޯރުކޮށްދެމުންގެންދެ އެވެ. އެގޮތުން މޯބައިލް ނެޓްވާކް އަޕްގްރޭޑް ކުރުމުގެ މަސައްކަތާ އެކު، ރާއްޖޭގެ ޖުމްލަ 49 ރަށަކަށް މިދިޔަ އަހަރު ދިރާގުން ތްރީޖީގެ ހިދުމަތް ވަނީ ތައާރަފްކޮށްފަ އެވެ.

"މޯބައިލް ޑާޓާއަކީ މިއަދު ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލް ހިދުމަތަށް ވީހިނދު ތްރީޖީ ވިޔުގައަށް އިތުރު ކުރެވުނު މި 49 ރަށުގެ ސަބަބުން، ރާއްޖޭގެ އާބާދީގެ 80 ޕަސެންޓަށް ވަނީ ތްރީޖީގެ ހިދުމަތް ފޯރުކޮށްދެވިފައި. އަދި މިހާރު ކުރިއަށްދާ ހައި ސްޕީޑް ނެޓްވާކް ރޯލްއައުޓް ޕްރޮގްރާމްގެ ސަބަބުން މުޅި ރާއްޖެ އަށް މި ހިދުމަތް ވަރަށް ކައިރި މުސްތަގުބަލެއްގައި ފުޅާކުރެވިގެންދާނެ،" ދިރާގުން ބުންޏެވެ.

ހަރުދަނާ ފައިދާ ހުރި ކާމިޔާބު މަޝްރޫޢުތައް:

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ޖީލްތަކަށް ބަހާލެވި މުވާސަލާތީ ހިދުމަތްތައް އަންނަނީ ދުވަހުން ދުވަހަށް ބަދަލުވެ، ކުރިއަރައި، ތަރައްޤީ ވަމުންނެވެ. މިފަދަ ބަދަލުތަކަށް ދުރާލާ ތައްޔާރުވެ ދިރާގުން ވަނީ އެއިރެއްގެ އެންމެ ބޭނުންވާ ފަދަ ޚިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ފާއިތުވި 25 އަހަރުގެ ތެރޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގާފަ އެވެ. އަދި މިމަޝްރޫއުތަކާއިއެކު ފެންވަރު ރަގަޅު ކާމިޔާބު ހިދުމަތްތަކެއް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ދެކެ އެވެ.


ފާއިތުވި 25 އަހަރުގެ ތެރޭގައި އެ ކުންފުނިން ހިންގި މުހިންމު މަޝްރޫއުތަކުގެ ތެރޭގައި މުޅި ރާއްޖެއަށް ފޯން ލައިންގެ ހިދުމަތްތައް ތަޢާރަފް ކުރުމަށް ހިންގުނު ނެޓްވާކް ރޯލްއައުޓް ޕްރޮޖެކްޓާއި މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި ރިސޯޓްތަކަށް އަދި ތަފާތު ވިޔަފާރި ރަށްތަކަށް މޯބައިލް ހިދުމަތް ފޯރުކޮށްދިނުމާއި އިންޓަނެޓްގެ ޚިދުމަތް ތައާރަފްކޮށް ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުން އަދި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލަކުން ފުރަތަމަ ފަހަރަށް ދުނިޔޭގެ އިންފޮމޭޝަން ހައިވޭއާއި ދިވެހިރާއްޖެ ގުޅުވާލަދީ، ވަން އެންޑް ހާފް ޑިގްރީ ހުރަސްކޮށް ކަނޑުއަޑީގެ މިފަދަ ކޭބަލަކުން ހުވަދޫ ކަނޑުގެ އަޑިން ލ. އަތޮޅާއި ގދ. އަތޮޅު ގުޅާލުން ހިމެނެ އެވެ. މީގެ އިތުރުން ވެސް ދިރާގުން ވަނީ ދުނިޔޭގައި މިހާރު އެންމެ މަގުބޫލް މޯބައިލް ޑާޓާ ޓެކްނޮލޮޖީގެ ތަރައްގީ އާއި އެއް ފެންވަރެއްގައި މޯބައިލް ޑާޓާގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އެޗްޕްލަސްގެ ހިދުމަތް ތައާރަފްކޮށް ފޯޖީ ޓެކޮނޮލޮޖީ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާ:

މުއާސަލާތީ ހިދުމަތް ދިނުމުގެ އިތުރުން ދިރާގަކީ އިޖުތިމާއީ ހަރަކާތްތަކުގައި ވެސް ބައިވެރިވާ ނަމޫނާ ކުންފުންޏެކެވެ. އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ތައުލީމާއި، ޒުވާނުންގެ ކުރިއެރުމާއި، ކުޑަކުދިންނާއި އަދި ސިއްހީ ދާއިރާއަށް ހާއްސަކޮށް، މުޖުތަމައުއަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކޮންމެ އަހަރަކު ވެސް ކުރަމުންދެ އެވެ.

ދިރާގެ އަމާޒަކީ ކަސްޓަމަރުން ހިތްހަމަޖެހޭ އަދި މަންފާކުރަނިވި ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދީގެން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ސިނާއަތުގައި އަބަދުވެސް އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމެވެ.
ކަސްޓަމަރުންގެ އިތުބާރާއިއެކު މިއަދު ދިރާގަކީ ވަކި ވަކިން އެތުރިފައިވާ ދިވެހި ރާއްޖޭގެ އެއްރަށް އަނެއް ރަށާ، ދުނިޔެއާ ގުޅުވާލުމުގެ މުވާސަލާތީ ފާލަމެއްގެ ގޮތުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް މުއައްސަސާ އެވެ.