ވޮޝިންޓަން (އޮކްޓޯބަރ 1): އީރާނާއި އެމެރިކާ ގާތްވަމުން ދިޔުމަކީ އިސްރާއީލު ކަންބޮޑުވާކަމެއް ކަމަށާ އަދި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް އީރާނަށް އިތުރު ހިއްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަނިޔާހޫ މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ އީރާނާއި އެމެރިކާ ގާތްވަމުންދާ މައްސަލާގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގަ އެވެ. މިބައްދަލުކުރެއްވުމުގައި ނިއުކްލިޔާ މައްސަލާގައި އެމެރިކާ އިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެގޮތުގައި ބޭއްވުމަށް ނަތަނިޔާހޫ، އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް އިލްތިމާސް ކުރެއްވިކަމަށް އޭނާ ވިދާޅުވި އެވެ.

ނަތަނިޔާހޫ ވިދާޅުވީ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި އީރާނުގެ ބޭނުމަކީ ނިއުކްލިޔާ މައްސަލާގައި އީރާނާ ހުޅަނގުން ވާހަކަ ދައްކަމުންގެންދާ ދަނޑިވަޅުގެ ބޭނުންހިފައިގެން ވެސް ނިއުކްލިޔާ ހަތިޔާރު ތަރައްޤީ ކުރުންކަމުގަ އެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ގުޅިގެން ހުޅަނގާއި އީރާނާދެމެދު އޮތް ނުތަނަވަސްކަން ފިލުވާލައި ދަތިކުރުމުގެ ފިޔަވަޅުތަށް ލުޔެއް ހޯދުމަށް ރައީސް ޑރ. ޙަސަން ރޫޙާނީ ގެންގުޅުއްވާ މެދުމިނުގެ ސިޔާސަތުތަކާ ގުޅިގެން އީރާނާއި އެމެރިކާ ދަނީ ގާތްވަމުންނެވެ.މިގޮތުން އީރާނުގެ ނިއުކްލިޔަރ މައްސަލާގައި އީރާނާއެކު ސީދާގޮތެއްގައި ވާހަކަ ދެއްކުމަށް ފުރަތަމަ ފަހަރަށް އެމެރިކާ އެއްބަސްވެފައިވާއިރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދާދިފަހުންވަނީ އީރާނުގެ ރައީސް ޙަސަން ރޫހާނީއާ ފޯނުން ގުޅުއްވައި މަޝްވަރާތަކެއްވެސް ކުރައްވާފައެވެ.

މީގެއިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީވަނީ އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އާ ނިޔުޔޯކްގައި ސީދާގޮތެއްގައި ބައްދަލުވެސް ކުރައްވާފައެވެ.މިއީ 1979 ވަނަ އަހަރަށްފަހު އީރާނުގެ އިސްވެރިންނާއި އެމެރިކާގެ އިސްވެރިންނާ ދެމެދު މުޢަމަލާތްތަކެއް ހިނގި ފުރަތަމަ ފަހަރެވެ.އެމެރިކާއާއި އީރާނާދެމެދު އިތުބާރު އުފެދިގެން ދިޔުމަކީ ނިއުކްލިޔަރ މައްސަލާގައި އީރާނުގެ މައްޗަށްކުރާ އެމެރިކާ ޝައްކުތައް ވާހަކަދައްކައިގެން ފިލުވާލެވިދާނެ ކަމުގެ އުންމީދު ބޮޑުވެގެންދާނެ ކަމެއްކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު ވާހަކަ ދައްކަވާފައިވެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު އިތުބާރު އުފެދޭގޮތްވެއްޖެނަމަ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އުވާލުމަށް އެމެރިކާ ނިންމަފާނެކަމުގެ ބިރު އިސްރާއީލު އިހްސާސްކުރާކަމަށް މުރާސިލުން ބުނެއެވެ.އީރާނާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލާ ދެމެހެއްޓުމަށް އިސްރާއީލުގެ ސަރުކާރުގެ އިތުރުން އެމެރިކާގައިވާ ޔަހޫދީ ލޮބީ ގްރޫޕްތަކުންވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އަދި އީރާނާއި އެމެރިކާ ގާތްވުމަށް ކުރެވޭ މަސައްކަތްތައް ނާކާމިޔާބުކޮށްލުމަށްވެސް އިސްރާއީލާއި އިސްރާއީލަށް ތަބާވާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. (އަލްޖަޒީރާ)