01 Oct 2013, 10:21
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގައި ވާދަކުރުމަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމް މިރޭ ޖޯޑަން އަށް ފުރާނެ އެވެ.
މި ކޮލިފިކޭޝަން މެޗު ތަކަކީ 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މިޔަންމާގައި ބޭއްވުމަށް ހަމަޖެހިފައިވާ 38 ވަނަ އޭޝިއަން ޗެމްޕިއަންޝިޕަށް ޓީމުތަށް ހޮވުމަށް ކުޅޭ މެޗުތަކެކެވެ.
ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގްރޫޕް ބީ ގެ މެޗުތައް އުރުދުންގެ ޒަރްގާގެ ޕްރިންސް މުހައްމަދު ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާއިރު ރާއްޖޭގެ އިތުރުން އެ ގްރޫޕުގައި ހިމެނެނީ އުރުދުން، ޔަމަން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަދި އަފްޣާނިސްތާން އެވެ.
އެފްއޭ އެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ސްޕޯޓްސް އަލީ ސުޒޭން "ސަން"އަށް ވިދާޅުވީ މި މަހުގެ 4 އިން 12 އަށް ކުރިއަށް ގެންދާ ކޮލިފިކޭޝަންގައި ވާދަކުރާ ގައުމީ ޓީމު ފުރުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު ކަމަށާއި ޓީމުގެ 20 ކުޅުންތެރިންގެ ސްކޮޑާއެކު ހަތް އޮފިޝަލުން ދާނެ ކަމަށެވެ.
ކޮލިފިކޭޝަންގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ކުޅެން ޖެހޭނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި އަންން އާދީއްތަ ދުވަހު ކުޅޭނީ އުރުދުންއާ ދެކޮޅަށެވެ. ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ ޔޫއޭއީއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި މިމަހުގެ 12 ވަނަ ދުވަހު ރާއްޖެ ކުޅެން ޖެހޭނީ ޔަމަނާ އެވެ.
ޖުމުލަ ނުވަ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ކޮލިފިކޭޝަންގެ ގްރޫޕް ތަކުގެ އެއްވަނަ ހޯދާ ޓީމް ތަކާއި އަދި ހުރިހާ ގްރޫޕެއް އެއްކޮށްލައިގެން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަ ޓީމުގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ މިޔަންމާއާ އެކު ޖުމުލަ 16 ޓީމް އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ކޮލިފައި ވާނެއެވެ.
އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިން 2012ގައި ރާއްޖޭގެ ޓީމު ލައްވައިލި ގުރޫޕު "އޭ"ގައި ހިމެނުނީ އިރާގު، ސައޫދީ އަރަބިއްޔާ، އޮމާން އަދި ބަންގުލާދޭޝްއެވެ. އެފަހަރު ރާއްޖެ އެ ގުރޫޕުގެ އެންމެ ފުލަށް ދިޔައިރު ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ. އަދި ލަނޑެއް ކާމިޔާބު ނުކުރެވި ބައިކޮޅަށް 27 ލަނޑުވަދެފައި ވެއެވެ. އެގޮތުން ރާއްޖެ ބަލިވެފައިވަނީ ބަންގާޅުއަތުން ތިނެއް ސުމެއް، އޮމާން އަތުން ހަތަރެއް ސުމެއް، އިރާގު އަތުން ނުވައެއް ސުމެއް، އަދި ސައޫދީ އަތުން އެގާރަ ސުމަކުންނެވެ.