ފޮޓޯއިން ފެންނަ ގޮތުން ފުލުހުން ވަރަށް އަނިޔާވެރި އެވެ. އެއީ ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުން ކަމަށް ވެސް ބަޔަކު ބުނެފާނެ އެވެ. މަޖިލިސް މެންބަރުންގެ އިމްތިޔާޒުގެ ގާނޫނުގެ ބާރު ކަނޑުވާލައި، އިހްތިރާމާ އެކު އަމަލު ކުރަން ލާޒިމު ކުރާ އުސޫލާ ފުލުހުން ހިލާފުވި ކަމަށް ވެސް ބުނެފާނެ އެވެ. ނަމަވެސް ކަން ހިނގައިދިޔައީ ފޮޓޯ އިން ފެންނަ ގޮތާ ދިމާ އިދިކޮޅަށެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީން މުޒާހަރާ ކުރީ އެފްޑީއައި ސްޓޭޝަން ކުރިމަތި، ފަރީދީމަގުގަ އެވެ. ދޭތެރެ ދޭތެރެއިން ފުލުހުން މުޒާހަރާތެރެ އަށް ވަދެ ބަޔަކު ހައްޔަރުކޮށްގެން ގެންދެ އެވެ. އޭރު އެމްޑީޕީގެ ޕިކަޕުގައި ވާހަކަފުޅު ދައްކަވަމުން ގެންދެވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އޭނާ މަސައްކަތްޕުޅު ކުރެއްވީ ފުލުހުން ބެރިކޭޑް ޖަހާފައިވާ ފާމުދޭރި މަގަށް ކުރިމަތިލައިގެން ތިބި ސަޕޯޓަރުން "ކައްކުވައިލު"މަށެވެ. ވޯޓު ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް އޭނާ ގޮވައިލެއްވި އެވެ. އެހެން ގޮވަމުންދަނިކޮށް، ފުލުހުން ހަމަ ފަހަރަކު މީހަކު ހައްޔަރުކޮށްގެން ގެންދަނީ އެވެ. ބެރިކޭޑުތަކާ ދިހަ ވަރަކަށް ފޫޓް ދުރުގައި އޮތް ޕިކަޕުގެ އަޑުގަދަ ކުރާއިން އާޒިމަށް ދެން "ގޮވުނީ" ދެރަ ބަހެކެވެ. މެމްބަރަކު ގޮވަން ހެޔޮވާވަރުގެ ބަހެއް ނޫނެވެ.

އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނާ ގޮތަށް ޖިނާއީ ކުށެއް ކުރަނިކޮށް، އާޒިމް "ބަސްޓު"ވީ އެވެ.

ބެރިކޭޑުތައް ވައްޓާލައި، ފުލުހުންނާ ކުރިމަތިލުމަށް އާޒިމް އިޝާރާތް ކުރި އެވެ. އާޒިމް ހުށަހެޅިގަތީ ޖިނާއީ ކުށަކަށެވެ. "[ބެރިކޭޑްތައް] ކޮއްޕާ ކުރިއަށް އެންމެން ކުރިއަށް ޖެހޭ. ކޮއްޕާ ކުރިއަށް. ކޮއްޕާ ކުރިއަށް،" މިހެންނެވެ. އެހެން ގޮވަން ފެށުމުން އިއްޒަތްތެރި މެންބަރުންގެ ނަމުން މުހާތަބުކޮށް، އޭނާ އަށް ފުލުހުން ނަސޭހަތްތެރިވި އެވެ. ނަމަވެސް ފުލުހުންގެ ނަސޭހަތަށް އާޒިމް ދެއްވީ "ބީރު ކަންފަތެ"ކެވެ.

އެ ހިސާބުން ފުލުހުން އަވަސްވެގަތީ މުޒާހަރާތެރެ އިން އާޒިމް "ދަމާހަލައި" ނެރުމަށެވެ. ޕިކަޕުގައި ވާހަކަފުޅު ދައްކަވަމުން ގެންދެވި އާޒިމް ފުލުހުންނާ ހަވާލުވުމަށް އެދުނެވެ. ނަމަވެސް އޭނާ ކުރެއްވީ އިންކާރެވެ. ޕިކަޕުގައި ކޮޅަށް ހުންނެވި އާޒިމްގެ ފައިގައި ހިފައި ހައްޔަރު ކުރަން ފުލުހުން މަސައްކަތް ފެށި އެވެ. ފުލުހުން ކުރަން އުޅު ކަންތަކަށް އާޒިމް ހެދީ ދެކޮޅެވެ.

ގަދަ ދެއްކެވުމާއި ދެކޮޅުހެއްދެވުމަށް ފުލުހުން ބޭނުން ކުރި އުކުޅަކީ އެބުނާ އަނިޔާ އެވެ. އަތުގެ ކުޑަހުޅުން ބަޅުކޮށް، ތަދުކޮށްލީ އެވެ. ތަދުގެ ތެރެއަށް "ގަންބާލައި" ފުލުހުން ބޭނުންވާ ގޮތަށް ދަމައިގަނެ ހައްޔަރު ކުރި އެވެ. ފަސޭހަކަމާ އެކު އާޒިމް ހައްޔަރު ކުރީ އެ ބުނާ އަނިޔާ އާއި ތަދުކޮށްގެންނެވެ. އޭއީ އިމްތިޔާޒު ކޮމެޓީން ތުހުމަތު ކުރާ އިންސާނިއްޔަތާ ހިލާފު އަމަލެވެ. ފުލުހުންގެ ރަހުމް ކުޑަކަމެވެ.

***
އާޒިމަށް ދިމާވި އަނިޔާ އަޅުގަނޑު ކުރިމަތިލާން ޖެހުނެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހައްޔަރު ކުރި ދެ ނޫސްވެރިންގެ ތެރޭ އަޅުގަނޑު ހިމެނުނެވެ. މެއި 1، 2011، ވަނަ ދުވަހުގެ ރޭ ފެށި މުޒާހަރާ ނުވަ ގަޑިއިރަށް ފަހު ރޫޅާލައި ޖަންކްޝަން ސަރަހައްދު (މަޖީދީމަގާއި ޗާންދަނީ މަގު ދިމާވާ ހަތަރު އަނގޮޅި ކަންމަތި) ސާފުކޮށް ނިމުނު އިރު، އިރު އަރައިފި އެވެ. އޭރު ވެސް އެ ސަރަހައްދުގައި ނޫސްވެރިން ތިއްބެވެ. އަދި އެ ސަރަހައްދު ފުލުހުން ކޯޑަން ކުރި އެވެ. ރަޔަޓް ފުލުހުންގެ ގުރޫޕަކުން އައިސް އަޅުގަނޑާ އެކު ހަވީރުގެ އޭރުގެ ނޫސްވެރިޔާ އަބްދުﷲ ޖަމީލު ހައްޔަރު ކުރި އެވެ.

ހައްޔަރު ކުރި ސަބަބު އޮޅުންފިލުވުމަށް އެދުމުން އިތުރު ބަހަނާ ނުދެއްކުމަށް އެދި ފަހަތަށް އަތް ގެންގޮސް، އަތުގެ ކުޑަހުޅުން ބަޅުކޮށްގެން، ގެންގޮސް ޖިޕެއްގެ ދަގަނޑު ގޮޅިއަކަށްލި އެވެ. މިއަދާ ހަމަޔަށް ވެސް ހައްޔަރު ކުރި ސަބަބެއް ފުލުހުން އޮޅުންފިލުވައިނުދެ އެވެ. އެވީ ތަދެއްގެ ބޮޑުކަމުން ފުލުހުން ދެކެ "ހެސްކިޔާފަ" ރުޅި އައެވެ. ފުލުހުން ލާއިންސާނީ އަމަލު ހިންގުމުގައި ހައްދު ފަހަނައަޅައި ދިޔައީ ކަމަށް އޭރު ބެލީމެވެ. ހައްޔަރު ކުރިތާ ގަޑިއެއްހާއިރު ތެރޭ ދޫކޮށްލި އެވެ.

ލިބުނު އަނިޔާއަކީ އަޅުގަނޑަށް ހައްގު އަނިޔާއެއް ކަމުގައި ބަލައިގަނެވުނީ ފުލުހުންގެ ތަހުގީގީ ޖަލު ދޫނިދޫގައި މީޑިއާތަކަށް ކުރިއަށް ގެންދިޔަ ސެލްފް ޑިފެންސް ޕްރޮގްރާމްގަ އެވެ. އެސްއޯ ފުލުހުންގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝަމީމްއާ ބައްދަލުވެ، ވަރަށް ސުވާލު ކުރަން ފުރުސަތު ލިބުނެނެވެ. ފުލުހުން ބާރުގެ ބޭނުން ކުރުމުގައި އަމަލު ކުރާ ގޮތް ކިޔައިދެއްވި އެވެ.

އަޅުގަނޑުގެ ސުވާލަކަށްވީ އެ ދުވަހު އަޅުގަނޑު އެހާ "އަނިޔާވެރިކޮށް" ހައްޔަރު ކުރީ ކީއްވެގެންތޯ އެވެ. ޝަމީން ދެއްވީ ވަރަށް ކުރު ޖަވާބެކެވެ. "އަނިޔާއެއް ނޫން، އެއީ އަމަލު ކުރަންޖެހޭ ގޮތް" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު ދެންނެވީމެވެ. "އެގޮތަށް އަމަލު ކުރަންޖެހެނީ ކީއްވެގެންތޯ؟"

"ގަދަދައްކާ ކަމަށް، ފުލުހުންނަށް ބެލެވޭ ކޮންމެ ވަގުތެއްގައި ވެސް ކަން ކުރާނީ މިހެން،" ޝަމީން ވިދާޅުވި އެވެ. އަތުގެ އިޝާރާތުން ކަން ކުރާގޮތް އޭނާ ކިޔައިދިނެވެ. އަދި އަނިޔާވެރި ލޮކް އަޅުވާ ގޮތް ވެސް އޭނާ އަލުގަނޑަށް ދަސްކޮށްދެއްވި އެވެ.

***
ހަގީގަތަކީ މިއެވެ. އާޒިމް ފުލުހުންނަށް ގަދަ ދެއްކި ހިސާބުން ފުލުހުންނަށް ފުރުސަތު ލިބުނީ އޭނާ ހައްޔަރު ކުރުމަށް އިތުރު އުކުޅެއް ބޭނުން ކުރާށެވެ. ފުރަތަމަ ދޭނީ ނަސޭހަތެވެ. ރީތި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް އައުމަށް އެދޭނެނެވެ. ބޯނުލަނބައިފި ނަމަ ދެންޖެހޭނީ ބާރުގެ ބޭނުން ކުރާށެވެ. ފުލުހުންނަށް ހަމަލާދޭން އުޅެނިފަ ނަމަ، ރައްދުގައި ފުލުހުން އަޅާ ފިޔަވަޅު އަދި މާބޮޑުވާނެ އެވެ. އެ މަންޒަރާއި އަނިޔާ، ސެލްފް ޑިފެންސްގައި ބައިވެރިވި ގިނަ ނޫސްވެރިން ފެނި ދެނި ތަޖުރިބާކޮށްފައިވާނެ އެވެ.

އެއީ ފުލުހުންގެ ބެސްޓް ޕްރެކްޓިސްއެވެ. ޕްރޮފެޝަނަލީ އަމަލު ކުރަންޖެހޭ ގޮތެވެ.

ފުލުހުންގެ އަމުރަށް ބޯނުލެނބުމުން އާޒިމް ހައްޔަރަށް ފަހު އޭނާގެ މައްޗަށް ތިން ތުހުމަތެއް ކުރެ އެވެ. އެ ތުހުމަތުތައް އާޒިމްގެ ބަންދަށް ހަތް ދުވަސް ޖެހި ޝަރީއަތުގެ މަޖިލީހަށް ފުލުހުން އިއްޔެ ހުށަހެޅި އެވެ. އެއީ އަމަން ނަގާލުމާއި ޕޮލިސް ބެރިކޭޑް ފަހަނަޅައި ދިއުމަށް ހިތްވަރު ދިނުމާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުގެ ތުހުމަތެވެ.

ފުލުހުން މިހާރު ބޭނުންކުރާ ބާރާއި ކުރާ ތުހުމަތުތައް ތަފާތުވާތަން އަޅުގަނޑަށްފެނެވެ. ފަހަރުގައި އަބަދު ހަމަނުޖެހުން ހިންގަން ފުރުސަތު ދިނުމަކީ ގައުމަށް އޮތް ހައްލު ނޫން ކަމަށް ގަބޫލުކޮށް އަޅާ ފިޔަވަޅަށް ވެސް ވެދާނެ އެވެ. އެކަމަކު ކުޑަ ކަމެއްގައި ހަރުކަށިވާލެއް ބޮޑު ކަމަށް ދަންނަވަން ޖެހެ އެވެ.

ނަޝީދު ވެރިކަމުގައި ހުންނެވި އިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ފުލުހުން ޖަހާފައިވާ ބެރިކޭޑެއް ފަޅާލާފައިދާ މަންޒަރު ފެންނަ ވީޑިއޯއެއް އެތައް ބަޔަކު ދެކޭނެ އެވެ. އަދި ވެރިކަމަށް ވައްޓާލާނެ ކަމަށް ފާޅުގައި ބުނެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވާހަކަފުޅު ދައްކައި، ފުލުހުންނާ ކުރިމަތިލުމަށް އޭރު ގޮވާލި އެވެ. ފުލުހުންނާ އަނިޔާވެރިވުމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ކަންތައްތައް ވެސް މަދެއް ނޫނެވެ. ނަމަވެސް އޭރު ނޭޅި ފިޔަވަޅެއް މިއަދު ފުލުހުން އަޅާ ނަމަ އެއީ މައްސަލައެކެވެ.

ނަމަވެސް އާންމު ރައްޔިތުންގެ ހަށިފާރަވެރިންގެ ގޮތުގައި ތިބި ފުލުހުން " އެއްނާޅިއަކުން މިނެދޭ ނަމަ" މި ޝަކުވާތައް ނުކުރާނެ އެވެ.

އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މީހުން ހައްޔަރު ކުރުމުގައި ގެންގުޅޭ ބައެއް އުކުޅުތަކުގެ ވީޑިއޯ:
http://www.youtube.com/watch?v=TPrm4ZOwSCM&feature=share