01 Oct 2013, 10:08
ސަރުކާރަށް ހަރަދުކުރާނެ ބަޖެޓް ފާސްނުކުރުމުގެ ސަބަބުން އެމެރިކާ ސަރުކާރު މިއަދު ހުއްޓިއްޖެ އެވެ.
އެމެރިކާ ގަޑިން ރޭ މެންދަމު ބާރަ ޖެހި އިރު ބަޖެޓް ފާސް ނުވުމުން ސަރުކާރު ހުއްޓުމަކަށް އައިކަން އެގައުމުގެ ރައީސް ބަރަކް އޮބާމާ ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތައް މަޑު ޖައްސާލުމަށް ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވަނީ އަންގާފަ އެވެ.
ބަޖެޓް ފާސްކުރުމުގައި އަރާރުން އުފެދުނީ " އޮބާމަކެއާ"ގެ ނަމުގައި ހުށައަޅާފައިވާ ސިއްހީ ހިދުމަތްތަގެ ޕްލޭނާ މެދުގަ އެވެ. އެޕްލޭނަށް ބަޖެޓްގައި ފައިސާ ހިމެނުމާ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްއާއި ސެނެޓްގައި ތިއްބެވި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަނީ ދެކޮޅު ހައްދަވާފަ އެވެ. އަދި އެޕްލޭނަށް ބަދަލެއް ގެންނަން ރައީސް އޮބާމާގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން އެއްބަހެއް ނުވެ އެވެ.
ބަޖެޓް ފާސް ނުވިޔަސް ސަރުކާރު ނުހުއްޓި ހަރަދުތައް ކުރެވޭނެ ގޮތަކާ މެދުގައި ވެސް ޕާލެމެންޓް މެމްބަރުން ރޭ ވަރަށް ދަންވަންދެން ބަހުސް ކުރި ކަމަށް ސީއެންއެން ބުންޏެވެ.
ސަރުކާރުގެ ހުއްޓުމަކަށް އައި ނަމަވެސް އެމެރިކާގެ ސިފައިންނާއި ފުލުހުން އެމީހުންގެ ޑިއުޓީ އަދާކުރުމަށް ރައީސް އޮބާމާ ވަނީ އަންގަވާފަ އެވެ. އަދި މިހާރު ދިމާވެފައި އޮތް ހާލަތުގެ ސަބަބުން ނުކުންނަ ނަތީޖާތަކަށް އެޑްރެސް ކުރުމަށް ވެސް އޮބާމާ އެންގެވި ކަމަށް ސީއެންއެން ބުންޏެވެ. ޑިފެންސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހަރަދުކުރެވޭނެ ބިލެއް ފާސްކޮށްފައިވާ ކަމަށާއި އެބިލުގައި ސޮއިކުރައްވައި ގާނޫނަކަށް ހައްދަވައި ދެއްވާނެ ކަމަށް ވެސް ރައީސް އޮބާމާ ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުގެ ހަރަދުތައް ކުރެވޭނެ ގޮތެއް ހަމަ ނުޖެހި ސެޕްޓެމްބަރު މަސް ނިމެން ވަގުތު ކޮޅު ކުޑަވަމުން ދިޔަ އިރު ރައީސް އޮބާމާ ވަނީ ރިޕަބްލިކަން ޕާޓީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެޕާޓީގެ ޕާލަމެންޓް މެމްބަރުންނަކީ ހައްދުފަހަނައަޅާފައިވާ ބައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ.
"ހައުސްގައި ތިބި ހައްދުފަހަނައަޅާފައިވާ ގްރޫޕަކުން ސަރުކާރު ހުއްޓުމަކަށް ގެންނަން މަދު ވަގުތު ކޮޅަކަށް ވެއްޖެ، އެމީހުން ކައިރީ ބުނޭ މިހާރު ވެސް ފުދިއްޖޭ" މީގެ ދެގަޑިއެއްހާ އިރު ކުރިން ރައީސް އޮބާމާ ކުރެއްވި ޓްވީޓެއްގައިވެ އެވެ.
އޭގެ ފަހުން އޮކްޓޯބަރު މަސް ފެށުނު ވަގުތު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ "ހަގީގީ ބަޖެޓެއް ފާސްކުރުމުގެ ބަދަލުގައި، ހައުސްގައި ތިބި ރިޕަބްލިކަން ގްރޫޕަކުން ސަރުކާރެއް ހުއްޓެން މަޖުބޫރު ކޮށްފި" ކަމަށެވެ.