ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ނަންފުޅު އޮންނަ އިންތިހާބެއް ބާއްވައިގެން މި ރާއްޖެ އަށް ހަމަޖެހުމެއް ނާންނާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރަނިމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނާ ހިލާފަށް މީހަކު ހައްޔަރުކުރުމުގެ ދައުވާ ކުރިއަށް ގެންދިއުމަށް ގޮވާލާ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި މުޒާހަރާގައި ޑރ. ޖަމީލް ވިދާޅުވީ ރައީސް ނަޝީދާ އެކު ބާއްވާ އިންތިހާބަކުން "މުޖުތަމައުއަށް ހިތްހަމަޖެހުމެއް ނެތް" ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ކޯޓުތަކަށް އަޅުގަނޑު ދަންނަވާލާ ހިތްއޮތީ މުހައްމަދު ނަޝީދުގެ ނަންފުޅު ނުވަތަ އެ ނަން ވޯޓު ކަރުދާސްކޮޅުގައި ހިމެނިގެން ރާއްޖޭގައި އިންތިހާބެއް ބޭއްވިއްޖެ ނަމަ އެއްވެސް ޝައްކެތް ނެތް ގޮތުގައި ރާއްޖޭގެ މަޝްހަށް ފިނިކަމެއް ލިބިގެނެއް ނުދާނެ،"

ޖަމީލް ވިދާޅުވީ ނަޝީދު ބައިވެރިވާ އިންތިހާބަކުން ގައުމަށް ހަމަޖެހުމެއް ނޯންނާނެ އެންމެ ބޮޑު އެއް ސަބަބަކީ ރައީސް ނަޝީދުގެ މައްޗަށް ޖިނާއީ ދައުވާއެއްގެ ޝަރީއަތް ހިނގަމުން ދަނިކޮށް ބާއްވާ އިންތިހާބަކީ ބަލައިގަނެވޭނެ އިންތިހާބެއް ނޫން ކަމަށް ރާއްޖޭގެ އަގުލަބިއްޔަތު ބަލައިގަންނާތީ ކަމެވެ.

ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުން މައްސަލައަކީ މީހާތަނަށް ހިންގާފައިވާ އެންމެބޮޑު ލާއިންސާނީ އަނިޔާވެރި އަމަލުކަމަށާއި އެ މައްސަލާގައި ޝަރީއަތް ހިންގަން ޖެހޭ ކަމަށާއި އެ ޝަރީއަތް ހުއްޓުވާފައިވާ ފަނޑިޔާރުން ޒިންމާކުރަން ޖެހޭ ކަމަށެވެ.

މިއަދު ފެންނަނީ ވެރިއަކަށް ހުރި މީހާކުރި ކުށެއްގެ މައްސަލަތައް ބެލެމުންނުދާތީ ޖިނާއީ ކުށްތަށްކުރުން އާންމުވެފައިވާތަން ކަމަށް ޖަމީލް ވިދާޅުވި އެވެ.

"މިއަދު ރާއްޖޭގެ ފެތުރިފައިވާ އަމުރަށް ނުކިޔަމަންތެރިކަމުގެ ސަގާތްފަތް ފެތުރިގެން މި ދިޔައީ ބޮޑުން ކުށް ކުރީމަ އެކުށް ކުރުމުގެ ނަތީޖާއެއް ގޮތުން. ވެރިކަމުގައި ހުރެގެން ރައީސް ނަޝީދު ކުރި މި އޮތްބޮޑު އަމަލު ހިއުމަންރައިޓްސް ކޮމިޝަނުންނާއި ފުލުހުންގެ ތަހުގީގުން ސާބިތުވެ ދައުވާ އުފުލި ކޯޓުގައި ދައުވާ އުފުލެން ފެށީމާ އެކަން ނުހިނގާ މަޑު ޖައްސަން ފެށީމާ ދެން ދަށަށް ތިބި މީހުން ވެސް ބުނާނީ އަހަރަމެން ވެސް ހިތަށްއެރި ގޮތަކަށް އުޅޭނަމޭ. ނިކަން އަހަރަމެންނާ ހިސާބަށް އައިސްބަލާށޭ. އެ ސަގާފަތް މިއަދު ރާއްޖެގައި މި އޮތީ. އެހެންވީމާ ތަންތަނުގައި ހުޅުޖަހަނީ. އެހެންވީމާ އަޅުގަނޑުމެނަށް އަނިޔާވެރި އަމަލުތައް ފެންނަމުން މިދަނީ،"

އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު އޮޅުވާލުމުގެ ކަންކަން ހިނގާފައި ވަނީ ވެސް އެމްޑީޕީ އަށް ތާއިދުކުރާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންތަކަކާ ގުޅިގެން ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެކަން އެގޮތަށް ހިނގަނީ ވެސް ނަޝީދު ޝަރީތް ނުހިނގާ އޮތުމުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ނަޝީދުގެ މައްޗަށް ކުރަންފަށާފައިވާ އޮއްވައި ނަޝީދަށް ބައިވެރިވޭ ގޮތަށް އިންތިހާބެއް ބާއްވައިފި ނަމަ ރައްޔިތުން އެކަމާ ދެކޮޅަށް ތެދުވާނެ ކަމަށާއި އަދި ރައްޔިތުންގެ ރުޅިވެރިކަން ފެންނާނެ ކަމަށެވެ.

އަދި ނަޝީދުގެ ޝަރީއަތްމަތީ މަދު ފަނޑިޔާރުތަކެއް ތިބީ އަތްއަޅައިގެން ރައްޔިތުންގެ ހައްގުތަކަށް ވަނީ އަރައިގެންފައި ކަމަށް ޖަމީލް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ޕީޕީއެމް ރޭ ބޭއްވި އެއްވުމުގައި ނަޝީދުގެ ނަން ދެން އޮންނަ އިންތިހާބުގައި ނޯންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޝަރީތް އަވަސް ކުރުމަށް ވަނީ ގޮވާލާފަ އެވެ.