މޯލްޑިވިސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސް (އެމްސީޕީޑީ) ވުޖޫދަށް އައުމުން ކުޑަ ކުދިންގެ މައްސަލަތައް ބެލުމަށް އިތުރު ހަލުވިކަމެއް އަންނާނޭ ކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ އެވެ.


މިއަދު ހެނދުނު ފުލުހުންގެ އިސްކަންދަރު ބިލްޑިންގައި އެމްސީޕީޑީ އިފްތިދާހު ކޮށްދެއްވުމަށް ފަހު ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ، އެ ޑޭޓާ ބޭސް އުފެދުމުން ކުޑަ ކުދިންގެ މައްސަލަތައް ބަލަމުން އަންނަ އެކިއެކި ތަންފީޒީ އިދާރާތަކަށް ލިބެން ޖެހޭ މައުލޫމާތު ފަސޭހަކަމާ އެކު ލިބިގެން އަންނާނެ ކަމަށެވެ. އަދި އެއީ ސުލްހަވެރި މުޖުތަމައުއެއް އުފެއްދުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ސުލްހަވެރި މުޖުތަމައުއެއް އުފެއްދުމުގައި ކުރަން ޖެހޭ އެންމެ މުހިންމު އެއްކަމަކީ ކުޑަކުދިން ރަނގަޅަށް ތަރުބިއްޔަތު ކުރުން. މި ޑޭޓާ ބޭސް އުފެދުމުން ކުޑަކުދިންގެ މައްސަލަތައް ބަލަމުން ގެންދާ އެކިއެކި ތަންފީޒީ އިދާރާތަކުން ލިބެން ޖެހޭ މައުލޫމާތު ކުރިއަށްވުރެ ފަސޭހައިން ލިބިގެންދާނެ." ނާއިބު ރައީސް ވިދާޅުވި އެވެ.  


އެމްސީޕީޑީގެ ހިދުމަތް ހޯދާ ފަރާތްތަކުން އެ ޑޭޓާ ބޭސްގެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ވެސް ނައިބު ރައީސް އިލްތިމާސް ކުރެއްވި އެވެ. އަދި މިފަދަ ޑޭޓާ ބޭހެއް އުފެދުމުން ކުޑަ ކުދިންގެ މައްސަލަތަކާ ގުޅޭ މަސައްކަތްތައް އިތުރު ހަލުވިކަމާ އެކު ކުރިއަށް ދާނޭ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.


މިއަދު އިފްތިދާހު ކޮށްދެއްވި ޑޭޓާ ބޭސް އާންމު ގޮތެއްގައި ބޭނުންކުރާނީ ފެމެލީ ޕްރޮޓެކްޝަން ޔުނިޓުންނާއި މޯލްޑިވިސް ޕޮލިސްސާވިސް އާއި ޖެންޑާ ޑިޕާޓް މަންޓު ފަދަ ތަންތަނުން ކަމަށް މޯލްޑިވިސް ޕޮލިސް ސާވިސް އިން ބުންޏެވެ.   


އެ ޑޭޓާ ބޭސް އުފައްދާފައި ވަނީ 2006 ވަނަ އަހަރުން ފެށިގެން ޔުނިސެފްގެ އެހީތެރިކަން ލިބިގެން ކަމަށާއި ޑޭޓާ ބޭސް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދަނީ މޯލްޑިވިސް ޕޮލިސް ސާވިސްގެ ފަރާތުން ކަމަށް އެ ސާވިސް އިން ބުންޏެވެ.  


މި ޑޭޓާ ބޭސް އަދި ބޭނުންކުރާނީ މާލޭގައި ނަމަވެސް ކުރިއަށް އޮތްތަނުގައި ރާއްޖެތެރޭގެ ހުރިހާ ރަށަކަށް ވެސް ޑޭޓާ ބޭސް ބޭނުންކުރެވޭނެ އިންތިޒާމް ހުޅިވިގެންދާނޭ ކަމަށް މޯލްޑިވިސް ޕޮލިސް ސާވިސް އިން ބުންޏެވެ.