30 Sep 2013, 23:57
ބީ52 އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މިރޭ ކްލަބް އީގަލަސް 3-0 އިން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އެފްއޭ ކަޕްގެ 25 އަހަރުގެ ތާރީހުގައި 10 ފަހަރު މުބާރާތް ކާމިޔާބުކޮށް 17 ފަހަރު ފައިނަލްގައި ކުޅެފައިވާ ނިއު އެންމެ ފަހުން މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުން އީގަލްސް އަތުން ބަލިވީ 1-0 އިންނެވެ.
މުބާރާތުގެ ފައިނަލްގައި ނިއު ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭގައެވެ.
ފުރަތަމަ ހާފްގައި އީގަލްސްއިން ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު މެޗުގެ ކުރީ ކޮޅުގައި ނިއުއަށް އެހާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އެގޮތުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ނިއުއަށް ފުރަތަމަ ހަމަލާވެސް އުފެއްދުނީ 16 ވަނަ މިނިޓުގަ އެވެ. އެހެން ނަމަވެސް އީގަލްސްގެ އޭރިޔާ ތެރެއަށް މުހައްމަދު އުމޭރު ނަގައިދިން ހުރަސް ނިއުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އަށް ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. އަދި ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.
މިރޭގެ މެޗުގައި ނިއުއިން ކާމިޔާބު ކުރި ތިން ލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފަހު ހާފުގަ އެވެ. އެގޮތުން ނިއުއަށް އީގަލްސްގެ ގޯލު ހުޅުވާލަ ދިނީ މެޗުގެ 64 ވަނަ މިނިޓުގައި އަލީ ފާސިރު (ސެންޓޭ) އީގަލްސްގެ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅައެއް ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެން މުހައްމަދު އުމޭރު އެވެ.
ނިއުގެ ދެވަނަ ލަނޑު 88 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ސީލާ މަންސާ އެވެ. އުމޭރު ނަގައިދިން ހުރަހެއް އީގަލްސްގެ ގޯލަށް މަންސާ ފޮނުވާލީ ބޮލުން ޖަހަ އެވެ.
ނިއުގެ ތިންވަނަ ލަނޑު ފަހު ހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ސެންޓޭ އެވެ. އީގަލްސް ކުޅުންތެރިއަކު ދިން ބެކް-ޕާހެއް އެ ޓީމުގެ އޭރިޔާ ތެރޭގައި ހުރެ ކޮންޓްރޯލް ކޮށްލާފައި ސެންޓޭ ވަނީ ވަރަށް ރީއްޗަށް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.