ހިޔާނާތުގެ ބޮޑު ކަންތައް ގަނޑެއްގައި ބައިވެރިވިކަމުގެ ކުށް އިންޑިއާގެ ކުރީގެ ބާރުގަދަ މިނިސްޓަރެއްގެ މައްޗަށް ސާބިތުވެއްޖެ އެވެ.

އިންޑިއާގެ ރެއިލްވޭ މިނިސްޓަރްކަމާއި ބިހާރު ސްޓޭޓްގެ ޗީފް މިނިސްޓަރްކަން ކޮށްފައިވާ ލާލު ޕްރަޝާދު ޔާދޭވްގެ މައްޗަށް ސާބިތުވީ އިންޑިއާ ރައްޔިތުންގެ 20 ބިލިޔަން ރުޕީސް އަށް ހިޔާނާތްތެރިވެފައިވާ ކަމުގެ ކުށެވެ.

"ފޮޑަރ ސްކޭމް"ގެ ނަންދީފައިވާ ކޮރަޕްޝަންގެ އެކަންތައް ގަނޑުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ ބެލީ ޖަރްޚަންދު ސްޓޭޓްގެ ހައިކޯޓުންނެވެ. ޔާދޭވް މައްޗަށް ކުށް ސާބިތުވީ އެކޯޓްގައި ކުރި ޝަރީއަތެއްގައި ކަމަށް ބީބީސީ ބުންޏެވެ. އެކޯޓްގައި ކުރި ޝަރީއަތްތަކުން އޭނާއާ އެކު އިތުރު 45 މީހެއްގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ އެވެ.

ޖަރްޚަންދު ސްޓޭޓްގެ ވެރިރަށް ރާންޗީގައި ހުންނަ އެކޯޓާ ހަވާލާދީ ބީބީސީ ބުނީ ޔާދޭވް އަށް އަދަބު ކަނޑައަޅާނީ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް ޔާދޭވް އަންނާނެ ކަމަށް ޝަރީއަތަށް ވަދެ ތިބި ވަކީލުން ބުނި ކަމަށް ބީބީސީ ބުންޏެވެ.

ފޮޑަރް ސްކޭމްއަކީ ނައަމްސޫތްޕަށް ބޭނުންވާ ކާނާ އާއި ބޭހާއި އެހެނިހެން ތަކެތި ގަތުމުގެ ނަމުގައި ބިހާރު ސްޓޭޓްގައި އެތައް އަހަރެއް ވަންދެން ދައުލަތުގެ ފައިސާ ބޭނުންކުރި މައްސަލައެކެވެ. އެކަން ފުރަތަމަ ފެންމަތިވީ 1996 ވަނަ އަހަރު އެވެ. ކާނާ އާއި ބޭހާއި ގަތް ކަމަށް އޭރު ބުނި ނައަމް ސޫފިތަކަކީ ވުޖޫދުގައި ނުވާ ތަކެތި ކަން ޝަރީއަތަށް މިހާރު ވަނީ ސާބިތު ވެފަ އެވެ.

މިހާރު އުމުރުން 65 އަހަރު ވެފައިވާ ލައްލޫ ޕްރަޝާދަކީ އިންޑިއާގެ ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ކޯލިޝަންއާ ގުޅިފައިވާ ޕާޓީއެއްގެ ލީޑަރެކެވެ. އޭނާގެ ޕާޓީގެ ނަމަކީ ރާޝްތުރިޔާ ޖަނަތާ ދާލް އެވެ.

ބިހާރުގެ ކޮރަޕްޝަން މައްސަލައިގައި ހިމެނޭ މީހުން ހިމާޔަތް ކުރަން ސަރުކާރުން މަސައްކަތް ކުރާކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ ތުހުމަތު ކުރަމުންނެވެ. އަދި ޔާދޭވްގެ މައްޗަށް ކުށް ސާބިތު ވުމުން އިދިކޮޅު ބާރަތިޔާ ޖަނަތާ ޕާޓީ( ބީޖޭޕީ) އިން ވަނީ އުފާފާޅުކޮށްފަ އެވެ.

"މިއީ ބިހާރުގެ އިންސާފުގެ ދުވަސް، މިއީ ކޮރަޕްޓް ސިޔާސީ ލީޑަރުންގެ މައްޗަށް އިންޑިއާ އިންސާފު ހޯދު ދުވަސް،" ބީޖޭޕީގެ ތަރުޖަމާނަކު ބުނި ކަމަށް ނޫސްތަކުގައިވެ އެވެ.