މަސްތުވާތަކެތީގެ މައްސަލަތަކުގައި ދިގު މުއްދަތަކަށް ޖަލު ހުކުމްކޮށްފައި ތިބި ބަޔަކު، ޕެރޯލް ޕްރޮގްރާމްގެ ދަށުން ދޫކޮށްލުމުން ފިލައިގެން އުޅޭތީ އެ މީހުން ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ޕެރޯލްގެ ދަށުން ފަރުވާ އަށް ދޫކޮށްފައި ވަނިކޮށް އެ ޕްރޮގްރާމުގެ ޝަރުތުތަކާއި ފަރުވާގެ ގަވާއިދުތަކާ ހިލާފުވެގެން އަނބުރާ ޖަލަށް ފޮނުވާލުމަށް ހޯދަމުން ދަނީ ތ. ތިމަރަފުށި، ނަސީމީމަންޒިލް، އިސްމާއިލު ނަސީމް،43، އާއި ގ. ކޮރަލްސީ އަބްދުﷲ އަސީލް، 24، އާއި ރ. ކަނދޮޅުދޫ ހަތިހާ މުހައްމަދު ވިޝާން،28،ގެ އިތުރުން ޏ. ފުވައްމުލައް، ހޯދަނޑު، މެދުގެ، މުޙައްމަދު މާޖިދު،34،ކަމަށެވެ.

ފުލުހުންބުނީ އެ ހަތަރު މީހުންގެ ތެރެއިން އަބްދުﷲ އަސީލަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 10 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނިކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނޭޝަނަލް ޑްރަގް އެޖެންސީން ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ފަރުވާގެ ގަވާއިދާއި ހިލާފުވެފައި ވާތީ ފަރުވާއިން ވަކިކުރެވިފައިވާ މީހެއް ކަމަށެވެ. އަދި އަނެއް ތިން މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަ އަހަރު ދުވަހަށް ޖަލަށް ހުކުމްކޮށްފައި ވަނިކޮށް ގަވާއިދާ ހިލާފުވުމުން ވަކިކޮށްފައިވާ މީހުންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެ ހަތަރު މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް އެމަޖެންސީ ނަމްބަރު 119 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފަ އެވެ.