30 Sep 2013, 18:28
އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ދަނިކޮށް، "އަނިޔާވެރިކޮށް" ހައްޔަރު ކުރުމަށް ފަހު، ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުން އެދުމުން، ގާނޫނީ ވަކީލުންގެ ލަފާގެ މަތިން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރެއްވި ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ތަހުގީގަށް ހަތް ދުވަހުގެ ބަންދެއް ކްރިމިނަލް ކޯޓުން ޖަހާފައިވާ އާޒިމް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަށް، ފުލުހުން ހާޒިރު ކުރުމުން، އޭނާ ވިދާޅުވީ ފުލުހުން އޭނާއާ މެދު އަމަލު ކުރީ "އިންސާނަކާ މެދު" އަމަލު ކުރާ ގޮތަކަށް ނޫން ކަމަށެވެ. އަނިޔާވެރިކަމާ އެކު ރޭ އޭނާ ހައްޔަރު ކުރުމަށް ފަހު އޭނާގެ މައްޗަށް ތިން ތުހުމަތެއް ކުރި ކަމަށެވެ. އެއީ އަމުރަށް ނުކިޔަމަންތެރިވުމާއި ފުލުހުންނާ ކުރިމަތިލުމަށް ހިތްވަރުދިން ކަމުގެ ތުހުމަތު ވެސް ކުރި ކަމަށް އާޒިމް ވިދާޅުވި އެވެ. ނަމަވެސް ފުލުހުންގެ ތުހުމަތުތަކަށް އާޒިމް ވަނީ ކޮމެޓީގައި ދެކޮޅު ހައްދަވާފަ އެވެ.
"ރޭގައި ފުލުސް އޮފީހަށް ގެންދިޔަ އިރު އެހާބޮޑު އިހްސާތަކެއް ނުކުރެވޭ. އިނގިއްޔާއި ކަނައަތު ހުޅަކަށް ވަރަށް ބޮޑަށް ތަދުވެފައި ހުރި. އަތުގެ މިތަން [ވައަތު މުލަށްދަނޑި] ހުރީ ހަންމަށައިގެން ގޮސްފައި ފުދޭވަރަކަށް. ބޮލަށް ވެސް ތަދުވޭ. ލޯޔަރު ވެސް ދެންނެވި އައިޖީއެމްއެޗަށާއި އޭޑީކޭ އަށް ދެއްކުމަށް. ނަމަވެސް އެ ބޭފުން ވިދާޅުވީ އެބޭފުޅުންގެ ޑޮކްޓަރުން ތިބޭނެއޭ،" ކޮމެޓީގައި އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އޭނާގެ ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުން އެދުނު ކަމަށާއި ނަމަވެސް އޭނާގެ ވަކީލުން އެދުނީ ތުހުމަތުކޮށްފައިވާ ކަންތައްތަކާ ނުގުޅޭ ކަމެއްގައި ކުޑަކަމުދާ ތަކެތި ދީގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ ބަންދުގައި ހުއްޓައި، ކުޑަކަމުދަން ބޭނުންވެގެން ފުލުހުންގެ އަރިހުގައި އެދުމުން ވެސް އެކަމަށް މަހުގުފަހިކޮށްދީފައި ނުވާ ކަމަށާއި ކުޑަކަމުދަން އެއްޗެއް ދިން ނަމަވެސް އެއަށް ވެސް "ލެވިދާނެ"ކަމަށް އާޒިމް ވިދާޅުވި އެވެ.
ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރި ކަމަށް އާޒިމް ވިދާޅުވި އިރު، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގައި ބުނަނީ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރުމަށް ޓަކައި ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުންގެ އޮފިސަރަކު އެދުމުން، އެކަމަށް އިންކާރުކޮށްފި ނަމަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.
ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރި މައްސަލާގައި މަޖިލީހުގެ ދެ މެންބަރެއްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށްދެ އެވެ. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެނުކު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރުގެ މައްޗަށް ވެސް ކުރަނީ އެތުހުމަތެވެ.
އާޒިމްގެ ވާހަކަފުޅު ނިއްމަވާލައްވަމުން އެމްޑީޕީގެ މެންބަރުންނަށް އާޒިމް ގޮވާލެއްވީ ވޯޓުލުމުގެ ހައްގު ލިބެންދެން މެދުނުކެނޑި މުޒާހަރާ އަށް ނުކުތުމަށާއި އޭނާ އަށް މުޒާހަރާއަށް ދެވޭ ނަމަ މިއަދު ވެސް މުޒާހަރާއަށް ނުކުންނާނެ ކަމަށެވެ.
އާޒިމް ހާޒިރު ކުރި ކޮމެޓީގެ ބައްދަލުވުމުގައި އެމްޑީޕީ އަށް ތާއިދު ކުރާ މެންބަރުން ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން ލިބިފައިވާ އަސާސީ ހައްގެއް ބޭނުން ކުރައްވައިގެން، މުޒާހަރާ ކުރަން ހުންނަވަނިކޮށް، އާޒިމު ހައްޔަރު ކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައި ވަނީ "ހާލަތާ ނުބައްދަލުކޮށް" ކަމަށެވެ.