ޖިނާއީ މައްސަލަތަކުގައި ދައުލަތުން ހުށަހަޅާ ހެކީންގެ ހެކިބަސް ސިއްރުން ނެގުމަށާއި އަދި ހެކީންގެ ބަޔާންތައް ދައުވާ ލިބޭ ފަރާތަށް ނުދިނުމަށް ފެނިއްޖެ ނަމަ އެގޮތަށް ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހަތަރު ކުދީންނަށް ތަހުގީގު ބަޔާން ނުދޭން ފަނޑިޔާރު ނިންމެވުމުން އޭގެތެރެއިން އެއް ކުއްޖަކު އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށް ފަހު އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ޖިނާއީ މައްސަލައެއްގައި ހެކިބަސްދޭން ތިބި މީހުންގެ ހެކިބަސް ސިއްރުކުރުމަށް ދައުލަތުގެ ފަރާތުން އެދިއްޖެ ނަމަ އެ ހެކީންގެ ހެކިބަސް ސިއްރު ކުރުމުގެ ބާރު ފަނޑިޔާރަށް ވަނީ ދެއްވާފަ އެވެ.

ހެކިބަސްދޭ މީހާ އަކީ ހެކީންގެ ކިބައިގައި ހުންނަ ޝަރުތު ފުރިހަމަވާ މީހެއްކަމަށް ޝަރީއަތުން އަމިއްލަ އިސްނެގުމަށް ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވެސް ހައިކޯޓުން މިއަދު ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ހެކީން ތަހުގީގަށް ދީފައިބާ ބަޔާން ދައުވާލިބޭ ފާރާތަށް ނުދީ ސިއްރު ކުރެވިދާނެ ކަމަށް ވެސް އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފަ އެވެ.

ހައިކޯޓުން އެ މައްސަލައާ މެދު ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ހަތަރު ކުދީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ކުށުގެ ދައުވާގެ ޝަރީއަތް ވަގުތީ ގޮތުން ހުއްޓާލުމަށް ހައިކޯޓުން ވަނީ ޖުވެނައިލް ކޯޓުގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް މިއަދު ހުކުމް ކުރުމާ އެކު އެ ވަގުތީ އަމުރަށް ވަނީ ނިމުމެއް އައިސްފަ އެވެ.

އެ ހަތަރު ކުދީންގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު ގދ. ތިނަދޫ ޕޮލިސްޓޭޝަން ދޮށަށް އެއްވެ، ފުލުހުންނަށް ހަމަލާދީ ޕޮލިސްޓޭޝަންގެ އިމާރާތަށާއި މުދަލަށް އެ ހަތަރު ކުދީން ގެއްލުންދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން ހުށަހެޅި ހުރިހާ ހެކީންގެ ހެކިބަސް މިހާރު ވަނީ ނަގައިނިމިފަ އެވެ.