30 Sep 2013, 17:08
ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހު ޓޮޓެންހަމް އާއި ޗެލްސީ ބައްދަލުކޮށް 1-1 ލަނޑުން އެއްވަރުވި މެޗުގައި ޗެލްސީގެ ފެނާންޑޯ ޓޮރޭޒް ދެއްކި ރަތް ކާޑާއެކު ހަތަރު މެޗުގެ ސަސްޕެންޝަނެއް އޭނާ އަށް އަތުވެދާނެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.
ސްޕެއިން ފޯވާޑް ޓޮރޭޒް އަށް ރަތްކާޑު ދެއްކީ ދެ ރީނދޫ ކާޑު ހަމަވެގެންނެވެ. ޓޮޓެންހަމްގެ ޑިފެންޑަރު ޖޭން ވާޓޮންގެން އަށް ކުރި ފައުލާއި ގުޅިގެން ދެއްކި ރަތްކާޑާއެކު ޓޮރޭޒްއަށް އެއް މެޗުގެ ސަސްޕެންޝަނެއް އައިސްފައި ވެއެވެ. އެހެންކަމުން ޓޮރޭޒް އަށް އެ ސަސްޕެންޝަން އަނބުރާ ގެންދިއުމަށް ދައުވާކުރެވޭކަށް ވެސް ނެތެވެ.
އެއް މެޗުގެ ސަސްޕެންޝަނުގެ އިތުރުން ތިން މެޗުގެ ސަސްޕެންޝަނެއް ޓޮރޭޒް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އެމެޗުގައި ވާޓޮންގެން އަށް ޓޮރޭޒް ދިން ހަމަލާއާއި ގުޅިގެންނެވެ. ޓޮރޭޒް އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ވެސް ވާޓޮންގެން އަށް ކުރި ފައުލަކާއި ގުޅިގެންނެވެ. އެ ފައުލް އަށް ފަހު ވާޓޮންގެންގެ މޫނުގައި ޓޮރޭޒް ވަކިއަޅުވަން މަސައްކަތްކުރި ތަން ވީޑިއޯތަކުން ފެނިގެންދެ އެވެ.
ޓޮރޭޒް އަށް ދެން އަންނާނެ ސަސްޕެންޝަން އެނގިގެންދާނީ ޕްރެމިއާ ލީގުންނާއި ފުޓްބޯޅަ އެސޯސިއޭޝަނުން އެމައްސަލަ ބެލުމުންނެވެ. މިމައްސަލަ ބަލާނީ އެފްއޭ އިން އެކުލަވާލާފައިވާ ކުރީގެ ރެފްރީން ހިމެނޭ ޕެނަލަކުންނެވެ. މިމައްސަލަ ބެލުމަށްފަހު ސަސްޕެންޝަނަކާއި ޖޫރިމަނާއެއް ޓޮރޭޒް އަށް އައުމަކީ ގާތްކަމެކެވެ.