30 Sep 2013, 16:52
ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) ގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް އަނެއްކާވެސް ބަޔާން މިއުނިކްގެ ކޯޗް ޕެޕް ގާޑިއޯލާ އަށް ފާޑުކިޔައިފި އެވެ.
އެއް އަހަރުދުވަހު ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު އިބްރަހަމޮވިޗް އަށް ގާޑިއޯލާ އަކީ މޮޅު ކޯޗެއް ކަމުގައި އޭނާ ގަބޫލުކުރި ކަމުގައި ވިޔަސް އިންސާނެއްގެ ގޮތުން ބަލާނަމަ ގާޑިއޯލާ އަކީ ނުލަފާ މީހެއް ކަމުގައި އިބްރަހިމޮވިޗް ބުނެފައި ވެއެވެ.
"ގާޑިއޯލާ އަކީ މޮޅު ކޯޗެއް. ނަމަވެސް އިންސާނެއްގެ ގޮތުން ބަލާއިރު އޭނާއަކީ ނުލަފާ މީހެއް. އަހަރެން އޭނާ ކައިރީ ބުނިން ޓީމަށް އަހަރެން ފިޓް ނުވާ ސަބަބެއް ބުނާށޭ. ޖަވާބުގައި ގާޑިއޯލާ ބުނެފައިވަނީ އަހަރެންނަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އަހަރެން ކުރަމުންދާ ކަންތައްތަކަކީ އެންމެ ރަނގަޅު ކަންތައް ކަމަށް. ނަމަވެސް އަހަރެންނަށް ޖާގަ ލިބެނީ ބެންޗުން." އިބްރަހިމޮވިޗް ބުންޏެވެ.
ދުވަސްކޮޅަކު އިންޓަމިލާނުގައި މޮރީނިއޯއާ އެކު މަސައްކަތްކުރި އިބްރަހިމޮވިޗް ވަނީ މޮރީނިއޯ އާއި ގާޑިއޯލާގެ ތަފާތު ކިޔައިދީފަ އެވެ. މޮރީނިއޯ އަކީ ވަރަށް މަސައްކަތްތެރި ކޯޗެއް ކަމަށާއި ގާޑިއޯލާ އަށް ކާމިޔާބު ލިބެނީ ފަހަތުގައި މޮޅު ޓީމެއް އޮތީމަ ކަމުގައި އިބްރަހިމޮވިޗް ބުނެފައި ވެއެވެ.
"މޮރީނިއޯ އަކީ ވަރަށް މޮޅު ކޯޗެއް. އޭނާ އަކީ ވިސްނުންތޫނު ވަރަށް މަސައްކަތްތެރި ކޯޗެއް. މޮރީނިއޯ އަށް ކުޅުންތެރިން ގެންގުޅެން އެނގޭ. އޭނާ އަށް އެގާރަ ކުޅުންތެރިންގެ ސްކޮޑު އެކުލަވާލަން އެނގޭ. ނަމަވެސް ގާޑިއޯލާ އަކަށް އެކަމެއް ނޭނގޭ. ގާޑިއޯލާ އަށް ކާމިޔާބު ލިބެނީ އޭނާގެ ފަހަތުގައި މޮޅު ޓީމެއް އޮތުމުން." އިބްރަހިމޮވިޗް ބުންޏެވެ.
އިންޓަމިލާންގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު 2010 ވަނަ އަހަރު ބާސާ އާއި ގުޅުމަށްފަހު އޭނާގެ ކުޅުން ވަނީ ހަލާކުވެފަ އެވެ. ނަމަވެސް ބާސާއިން އޭސީ މިލާނަށް ބަދަލުވެ އަނެއްކާވެސް އިބްރަހިމޮޗް އޭނާގެ މޮޅު ކުޅުން ދައްކާލި އެވެ. އަދި މިހާރު ޕީއެސްޖީގައި އޭނާ ދައްކަމުންދާ މޮޅު ކުޅުންވެސް ފާހަގަކޮށްލެވެ އެވެ.