30 Sep 2013, 16:48
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ހަދާފައިވާ ސިޔާސީ ޕާޓީތަކުގެ އާ ގަވާއިދު ގަޒެޓްކޮށް އެ ގަވާއިދަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އަމަލު ކުރަން ފެށި ސިޔާސީ ޕާޓތަކުގެ އާ ގަވާއިދުގައި ބުނެފައި ވަނީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފައްދައި ހިންގޭނީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްގެން ކަމަށެވެ. އަދި ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށްދޭނީ 3000 މެންބަރުންގެ ސޮޔާ އެކު ހުށަހެޅުމުން ކަމަށް އާ ގަވާއިދުގައި ބުނެފައިވެ އެވެ.
ސިޔާސީ ޕާޓީގެ އާ ގަވާއިގައި ބުނެފައިވާ ގޮތުން ސިޔާސީ ޕާޓީތަކުން ކުރާ ކަންކަން އެ ޕާޓީއެއްގެ ވެބްސައިޓްގައި އާންމުކޮށް ފެންނާނެހެން އާންމު ކުރަން ޖެހޭނެ އެވެ. އަދި ޕާޓީގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ވެސް އެ ސިޔާސީ ޕާޓީއެއްގެ ވެބްސައިޓްގައި އާންމުންނަށް ފެންނާނެހެން ޝާއިޢު ކުރަން ޖެހޭނެ އެވެ.
އަލަށް އަމަލު ކުރަން ފެށި ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ސިޔާސީ ޕާޓީތަކުން މެންބަރުން ވަކި ކުރެވޭނެ ގޮތާއި އަދި ސިޔާސީ ޕާޓީތައް ހަރަކާތްތެރި ވާނެ ގޮތް ބަޔާން ކޮށްފައިވެ އެވެ.
ސިޔާސީ ޕާޓީތަކުގެ އާ ގަވާއިދުގައި ބުނެފައިވާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށާއި އެ ކޮމިޝަންގެ މެންބަރުން ފަނޑިޔާރުންނާއި ގާޒީންނާއި އަދި ފުލުހުންނާއި ސިފައިންގެ އިތުރުން ގާނޫނު އަސާސީ އާއި ގާނޫނުތަކުން އަފައްދާފައިވާ އެއްވެސް މިނިވަން މުއައްސަސާއެއްގެ މެންބަރަކަށް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވެވޭނެ އެވެ.
މިއަދު އަމަލު ކުރަން ފެށި އާ ގަވާއިދާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އާ ގަވާއިދަށް އަމަލު ކުރަން ފެށުމުން ކުރިން އަމަލު ކުރަމުން ގެންދިޔަ ސިޔާސީ ޕާޓީ ތަކުގެ ގަވާއިދު އުވުނީ ކަމަށެވެ. އަދި އާ ގަވާއިދުގައި ބުނެފައިވާ ގޮތަށް އަމަލު ނުކުރާ ސިޔާސީ ޕާޓީތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.