30 Sep 2013, 16:25
މާލެ އާއި އަތޮޅުތަކުގައި ގަސްތުގައި އަލިފާން ރޯކުރުމުގެ ހާދިސާތައް އިތުރުވެފައިވާ ކަމަށާއި އެކަން ހުއްޓުވަން އިތުރު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިހާރު ރާއްޖޭގައި އޮތް ނުތަނަވަސްކަމާ ގުޅިގެން ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވިދާޅުވީ ބަލައި ފާސްކުރުން އިތުރުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދެ ލޯންޗަކާއި ބައެއް ވެހިކަލްގައި ގަސްތުގައި އަލިފާން ރޯކުރުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަސްތުގައި އަލިފާން ރޯކުރުމުގެ ހާދިސާތައް ވަނީ މާލެ އާއި ރާއްޖެތެރޭގައި ވެސް ވަރަށް ގިނަވެފައި. އެކަން ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން، އެގޮތުން ވެހިކަލްތައް ހުއްޓުވައި ފާސްކުރުން ވަނީ އިތުރުކޮށްފައި،" ނަވާޒު ވިދާޅުވި އެވެ.
މިހާރު ހިނގަމުން އަންނަ ހުޅުޖެހުމުގެ ހާދިސާތަކަކީ ސިޔާސީ ފަރާތަކުން ރާވައިގެން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރެވޭތޯ ސަން އިން ދެންނެވުމުން ނަވާޒު ވިދާޅުވީ އަދި އެގޮތަށް ތުހުމަތު ނުކުރެވޭ ކަމަށެވެ. ނަމަވެސް ސިޔާސީ ގޮތުން ހަލަބޮލިވާ ދުވަސްވަރު އެފަދަ ކަންތައްތައް އިތުރުވާކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަލިފާން ރޯކުރުމުގެ ހާދިސާތަކަކީ ސިޔާސީ ފަރާތަކުން، ސިޔާސީ ގޮތުން ކުރާ ކަމެއް ކަމަކަށް އަޅުގަނޑުމެން އަދި ތުހުމަތެއް ނުކުރަން. އެހެން ނަމަވެސް އެކަމުގައި ފާހަގަކޮށްލަން ޖެހޭ ކަމެއް އެބައޮތް. އެއީ ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ފަހަރަކު އެފަދަ ހާދިސާތައް އިތުރުވާކަން،" އޭނާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް ގެއްލުން ދިނުމުގެ ހާދިސާތައް ވެސް މިހާރު ހިނގަމުން އަންނަ ކަމަށެވެ. އަދި އެއީ އާއިލާތަކާ ދުރުގައި ތިބޭ ފުލުހުންނަށް ވަރަށް އަސަރުކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުންގެ އާއިލާތަކަށް ގެއްލުން ދިނުމުގެ ހާދިސާތައް ދަނީ ހިނގަމުން، އެކަމުގެ ނަތީޖާ އެހާ ރަނގަޅެއް ނުވާނެ،" ނަވާޒު ވިދާޅުވި އެވެ.
މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރޭގައި އެކިއެކި ހަމަނުޖެހުންތައް ހިންގައިގެން މިހާތަނަށް 35 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
"ގާނޫނު އަސާސީ އާއި ގާނޫތައް ނަގަހައްޓަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ފުލުހުން ކުރާނެ، ފުލުހުން ތިބީ އެކަމަށް ތައްޔާރަށް،" ނަވާޒު ވިދާޅުވި އެވެ.