30 Sep 2013, 15:34
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ބަންދުގެ މުއްދަތު ހަތް ދުވަހުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އާޒިމްގެ ބަންދުގެ މުއްދަތު ހަތް ދުވަހަށް އިތުރުކޮށްފައި ވަނީ މިއަދު 3:15 އެހައިކަންހާއިރު ކަމަށެވެ.
އާޒިމް ހައްޔަރުކޮށްފައި ވާތީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން ވަނީ އެ މައްސަލަ ބަލަން ފަށަފަ އެވެ. މިއަދު ހަވީރު ބާއްވާ އިމްތިޔާޒު ކޮމެޓީގެ ބައްދަލުވުމަށް އޭނާ ހާޒިރުކުރުމަށް އެ ކޮމެޓީން ވަނީ ފުލުހުންނަށް އަންގާފަ އެވެ.
އާޒިމް ހައްޔަރުކޮށްފައި ވަނީ އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
ފަރީދީމަގު އެފްޑީއައި ސަރަހައްދުގައި ރޭ ކުރި މުޒާހަރާގައި އާޒިމް ވަނީ ފުލުހުންގެ ބެރިކޭޑުތައް ފަޅާލައި ފުލުހުންގެ ސަފުތެރެ އަށް ވަދެގަތުމަށް މުޒާހަރާގެ ބައިވެރީންނަށް އިރުޝާދު ދެއްވައިފަ އެވެ.
އާޒިމް އެގޮތަށް އިރުޝާދު ދެއްވަން ފެށުމާ އެކު ފުލުހުން ވަނީ އެކަން ހުއްޓާލުމަށް ތަކުރާރުކޮށް އެތަކެއް ފަހަރު އޭނާ އަށް ނަސޭހަތްތެރިވެފަ އެވެ. ނަމަވެސް ފުލުހުންގެ އެންގުމަށް ތަބާނުވުމުން އެންމެ ފަހުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.