ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ މި ސީޒަންގެ މިހާރު ދައްކަމުންދާ ކުޅުން ދަމަހައްޓައިފިނަމަ އޭނާ އަށް އާ ކޮންޓްރެކްޓެއް ހުށަހަޅާނެ ކަމަށް އެ ކްލަބުގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ކުރީގެ އިނގިރޭސި ގައުމީ ޓީމްގެ ކެޕްޓަންކަން ވެސް ކޮށްފައިވާ އުމުރުން 32 އަހަރުގެ ޓެރީއަށް މިދިޔަ ސީޒަންގައި ޗެލްސީގެ ވަގުތީ ކޯޗް ރަފާ ބެނިޓޭޒްގެ ސްކޮޑުން އާންމު ގޮތެއްގައި ޖާގަ ނުލިބުނު ކަމުގައިވިޔަސް މިސީޒަނުގެ ޕްރެމިއާ ލީގުގެ ކޮންމެ މެޗެއްގެ ފުރަތަމަ އެގާރައިން ޓެރީ ދަނީ ޖާގަ ހޯދަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ޓެރީގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް އެންމެ ބޮޑު ތަޢުރީފެއް ކުރީ ޗެލްސީގެ ކޯޗް މޮރީނިއޯ އެވެ. މޮރީނިއޯ ބުނި ގޮތުގައި، ޓެރީ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން ވެސް ޓެރީއަށް މޮރީނިއޯ ދިން ނަސޭހަތަކީ އާންމު ތަންތާންގައި ކޮންޓްރެކްޓް އާކުރުމުގެ ވާހަކަ ނުދައްކާ މޮޅު ކުޅުމަކާއެކު އާންމު ގޮތެއްގައި ކުޅުމަށް ކަމަށް މޮރީނިއޯ ބުނެފައި ވެއެވެ.

"ޓެރީ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަދި މޮޅެތި ކުޅުންތެރިންނަށް ކޮންޓްރެކްޓްގެ ކަންތައްތަކާމެދު މައްސަލައެއް ނުޖެހޭނެ. އަހަރެން އަބަދުވެސް ފުރަތަމަ ދުވަހުން ފެށިގެން އޭނާ ކައިރީ ބުނި ވާހަކައަކީ އާންމު ތަންތާންގައި ކޮންޓްރެކްޓްގެ ވާހަކަ ނުދައްކާ ކުޅުމަށް އިސްކަންދޭން. އޭރުން ޓެރީ އަށް މީގެ ދެއަހަރު ކުރިން ދިމާވި ކަހަލަ ކަންތައްތައް ދިމާނުވާނެ ކަމަށް ވެސް ބުނިން،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ އިތުރަށް ބުނީ ޓެރީ އަށް އޭނާ އިތުބާރުކުރާ ކަމަށާއި ޓެރީ މެޗަކަށް ނާރުވާ ބެންޗުގައި ބައިންދައިފިނަމަ އޭނާއަށް އެއީ ކީތްކުރަން ކުރި ކަމެއްކަން ރަނގަޅަށް ވިސްނޭނެ ކަމަށެވެ. އަދި ޓެރީ މިހާރު ވަރަށް ރަނގަޅަށް މަސައްކަތްކުރާ ކަމަށާއި އޭނާ ހުރީ ރަނގަޅު ފޯމެއްގައި ކަމަށް ވެސް މޮރީނިއޯ ބުނެފައި ވެއެވެ.

"އަހަރެން ޓެރީއަށް އިތުބާރު ކުރަން. އަހަރެން އޭނާ ޓީމަށް ނާރުވައިފި ވަގުތެއްގައި އެކަން ކުރީ ޓީމަށް އެންމެ ފައިދާކުރާނެ ގޮތަށްކަން ޓެރީ އަށް ވިސްނޭނެ. ފިޒިކަލީ ގޮތުން އޭނާ ދަނީ ރަނގަޅަށް މަސައްކަތް ކުރަމުން. އަދި ހުރީ ރަނގަޅު ފޯމެއްގައި،" މޮރީނިއޯ ބުންޏެވެ.

މިހާރު ޗެލްސީ ޓީމުން މޮރީނިއޯގެ ރޭވުންތެރިކަން އެންމެ ރަނގަޅަށް އެނގޭނެ އެއް ކުޅުންތެރިއަކީ ޓެރީ އެވެ. މޮރީނިއޯ ކުރިން ހަވާލުވިއިރު ވެސް ޓެރީ އަށް އާންމު ގޮތެއްގައި ފުރަތަމަ އެގާރައިން ޖާގަ ލިބިފައިވެ އެވެ. ޕްރެމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ޓޮޓެންހަމް މޮޅުވާން ދަނިކޮށް ޗެލްސީ އަށް ނަތީޖާ ހަމަހަމަކޮށްދިން ކުޅުންތެރިއަކީ ޓެރީ އެވެ.