ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރަން ބޭނުން ނަމަ ޓީމުގެ ހުރިހާ ކުޅުންތެރިން އެކަތިކަޑަކަށް ވުން މުހިންމު ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ޑޭވިޑް މޯއީސް ބުނެފި އެވެ.

އަންނަ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ޝަކްޓާ ޑޮނެސްޓާއާ ދެކޮޅަށް ޔުނައިޓެޑް ނިކުތުމުގެ ކުރިން ކޯޗް މޯއީސް ބުނީ، ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތަކީ ވާދަވެރި މުބާރާތެއް ކަމަށާއި އެމުބާރާތުގެ ޗެމްޕިއަންކަން ހޯދަން ބޭނުން ނަމަ ޓީމުގެ ހުރިހާ ކުޅުންތެރިން މިހާރަށްވުރެ ބޮޑަށް އެކަތިކަޑަކަށް ވާންވެއްޖެ ކަމަށެވެ.

"އަހަރެންގެ ޓީމުގައި މޮޅެތި ކުޅުންތެރިން އެބަތިބި. ޗެމްޕިއަންސް ލީގަކީ އަހަރުމެންނަށް ކާމިޔާބު ކުރެވޭނެ މުބާރާތެއް. އެމުބާރާތް ކާމިޔާބު ކުރުމަށް ހުރިހާ ކުޅުންތެރިން އެކަތި ގަޑަކަށް ވާންޖެހޭ،" ޔުނައިޓެޑުގެ ކޯޗު ޑޭވިޑް މޯއީސް ބުންޏެވެ.

މޯއީސް ބުނީ، ޗެމްޕިއަންސް ލީގް ފުޓްބޯޅަ މުބާރާތުގައި އަންނަ ހޮނިހިރު ދުވަހު ޝަކްޓާ ޑޮނެސްޓާ އާއި ދެކޮޅަށް ޔުނައިޓެޑް ނިކުނައިރު ޓީމުގެ ކުޅުންތެރިން ތިބީ އިނގިރޭސި ލީގުގައި ވެސްޓް ބްރޮމް އަތުން ބަލިވުމުން އެކަމާ ފިކުރު ބޮޑުވެފައި ކަމަށެވެ. އަދި އެމެޗުން ބަލިވުމުން ޔުނައިޓެޑްގެ ކުޅުންތެރިންގެ މެދުގައި ހިޔާލް ތަފާތުވުން ތަކެއް އުޅޭ ކަމަށް މޯއީސް ބުންޏެވެ.

"އަހަރެންގެ ޓީމް ވަރުގަދަ. އަހަރުމެން ގަބޫލް ކުރަން ވެސްޓް ބްރޮމް އަތުން ބަލިވި ކަމަށް. އެކަމަކު ދެން އަހަރު މެން ނުކުންނާނީ އެ ހިތި ހަނދާން ތަކުން މިންޖުވެގެން،" މިދިޔަ ޖުލައި މަހު ޔުނައިޓެޑްގެ ކޯޗްކަމާ ހަވާލުވި މޯއީސް ބުންޏެވެ.