30 Sep 2013, 15:21
ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވީއެންމެ އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޖުޑީޝަރީން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުޑީޝަރީގެ މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހްމަދު މާޖިދު މިއަދު ވިދާޅުވީ އެ މައްސަލައިގެ ހުކުމް ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ސުޕްރީމްކޯޓުން ވަމުން އަންނަ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހު ގާތްގަނޑަކަށް 24 ގަޑިއިރުވަންދެން ސުޕްރީމް ކޯޓުގެ މުވައްޒަފުން މަސައްކަތުގައި ހަރަކާތެރިވާ ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅަންދެން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެ އަމުރު ނެރެފައި ވަނިކޮށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވާނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ބައެއް މީޑިއާތަކަށް އިންޓަވިއު ދެއްވާފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ހުކުމާ ދެކޮޅަށް އިންތިޚާބު ބާއްވާ ނަމަ އެކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަނެއްކާ ވެސް އަމުރުކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގައި އޮޅުވާލުންތަކެއް ހުރިކަމަށް ތުހުމަތު ކޮށެވެ.