ވޯލްޑް ކަޕް ކޮލިފައިންގައި ޕެރޫ އާއި އުރުގުއާއީއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗަށް ނެރުނު ވަގުތީ ސްކޮޑުގައި ބާސެލޯނާގެ ލިއޮނެލް މެސީ އާއި ނަޕޯލީގެ ގޮންޒާލޯ ހިގައިން އަދި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއެރޯ ހިމަނައިފި އެވެ.

އާޖެންޓީނާ ގައުމީ ޓީމްގެ އެޓޭކިންގައި މުހިންމު ދައުރެއް އަދާކުރަމުންދާ މިތިން ކުޅުންތެރިންނަށް ކޯޗް އަލްހެންދުރޯ ސަބެއްލާ ޖާގަ ދީފައިވާއިރު، އެ ޓީމަށް ވަނީ ބްރެޒިލްގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުން ޖާގައެއް ލިބިފަ އެވެ. ވޯލްޑް ކަޕްގެ ޖާގައެއް އާޖެންޓީނާއިން ކަށަވަރުވީ ޕެރަގުއާއީ އަތުން 5-2 ލަނޑުން މޮޅުވުމުންނެވެ.

ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުންދާ ބާސެލޯނާގެ ހާވިއާ މަޝަރާނޯ އަށް ވެސް ސަބެއްލާ ޖާގަ ދިންއިރު، ރެއާލް މެޑްރިޑްގެ އެންޖެލް ޑި މަރިއާ އަދި ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ)ގެ އެޒެކުއީލް ލަވޭޒީ އަށް ވެސް ވަގުތީ ސްކޮޑުން ޖާގަ ދީފައިވެ އެވެ.

ޓޮޓެންހަމްގެ ތަރި އެރިކް ލަމޭލާއަށް ޖާގަ ދިންއިރުން އިންޓަމިލާން އަށް ކުޅެމުންދާ ހޫގޯ ކަމްޕަގްނަރޯ އަށާއި ރިކީ އަލްވަރޭޒް އަދި ރޮޑްރިގޯ ޕަލާސިއޯ އަށް ސްކޮޑުން ޖާގަދީފައިވެ އެވެ. އިންޓަމިލާންގެ މިތިން ކުޅުންތެރިންނަކީ މިސީޒަންގެ ސެރީއާ ގައި އެކްލަބުން ދައްކަމުންދާ މޮޅު ކުޅުމުގެ ފަހަތުގައިވާ ކުޅުންތެރިންތަކެކެވެ.

ނިއުކާސަލްގެ ޑިފެންޑަރު ފެބްރިސިއޯ ކޮލޮޗިނީ އަދި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ޕަބްލޯ ޒަބަލެޓާ އަށް ޖާގަ ދީފައިވާއިރު، މަލާގާގެ ގޯލްކީޕަރު ވިލީ ކަބަލެރޯ އަދި ޔުވެންޓަސްގެ ފޯވާޑް ކާލޮސް ޓެވޭޒް އަށް މިފަހަރުގެ ސްކޮޑުން ވެސް ޖާގައެއް ލިބިފައެއް ނުވެ އެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ޕެރޫ އާއި ދެކޮޅަށް އޮކްޓޯބަރު 11 ގައި އާޖެންޓީނާ ނުކުންނައިރު، އޭގެ ހަތަރު ދުވަސް ފަހުން އެޓީމް ނުކުންނާނީ އުރުގުއޭ އާއި ދެކޮޅަށެވެ.

ޕެރޫ އާއި އުރުގުއޭ އާއި ދެކޮޅަށް ނުކުންނަ އާޖެންޓީނާ ސްކޮޑް:
ގޯލްކީޕަރުން: މަރިއާނޯ އަންޑިޖަރް (ކަޓަނިއާ)، ސާޖިއޯ ރޮމޭރޯ (މޮނާކޯ)

ޑިފެންޑަރުން: ކްރިސްޓިއަން އަންސަލްޑީ (ޒެނިތް ސެއިންތް ޕީޓަސްބާގް)، ހޯސޭ ބަސަންޓާ (މޮންޓެރޭ)، ހޫގޯ ކަމްޕަގްނަރޯ (އިންޓަމިލާން)، ފެބްރިސިއޯ ކޮލޮޗިނީ (ނިއުކާސަލް) ފެޑެރިކޯ ފެނާންޑޭޒް (ނަޕޯލީ)، އެޒެކުއީލް ގަރޭ (ބެންފީކާ)، މާކޮސް ރޮޖޯ (ސްޕޯޓިންގް)، ޕަބްލޯ ޒަބަލެޓާ (މެންޗެސްޓާ ސިޓީ)

މިޑްފީލްޑަރުން: ރިކީ އަލްވަރޭޒް (އިންޓަމިލާން)، އެވާ ބަނޭގާ (ވެލެންސިއާ)، ލޫކަސް ބިގްލިއާ (ލާޒިއޯ)، އެންޖެލް ޑި މަރިއާ (ރެއާލް މެޑްރިޑް)، އޮގަސްޓޯ ފެނާންޑޭޒް (ސެލްޓާ)، އެރިކް ލަމެލާ (ޓޮޓެންހަމް)، ހާވިއާ މަޝަރާނޯ (ބާސެލޯނާ)، ހޯސޭ ސޮސާ (މެންޓަލިސްޓް)

ފޯވާޑުން: ސާޖިއޯ އަގުއެރޯ (މެންޗެސްޓާ ސިޓީ)، ގޮންޒާލޯ ހިގައިން (ނަޕޯލީ)، އެޒެކުއީލް ލަވޭޒީ (ޕީއެސްޖީ)، ލިއޮނެލް މެސީ (ބާސެލޯނާ)، ރޮޑްރިގޯ ޕަލާސިއޯ (އިންޓަމިލާން)