ހާއްސައެހީއަށް ބޭނުންވާ އިބްރާހިމް ޔައީޝް އަބްދުﷲ މިދިޔަ ހުކުރު ދުވަހު ޓީވީއެމްގެ ހެއްޔާންބޯ ޕްރޮގްރާމްގައި ވާހަކަދައްކަމުން ބުނީ އޭނާ އެންމެ ބޮޑަށް ބައްދަލުކުރާ ހިތްވަނީ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާ ކަމަށެވެ. އެ ވާހަކަ ދަގަނޑޭ މިހާރު ކުޅެމުން އަންނަ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މެނޭޖްމަންޓަށް އިވުމުން ކްލަބުން އަވަސްވެގަތީ މުޖްތަމައުގައި އަދާކުރަންޖެހޭ އިޖްތިމާއީ ޒިންމާގެ ދަށުން ޔައީޝްގެ އެ އެދުން ހާސިލް ކޮށްދިނުމަށެވެ.

އެފްއޭކަޕްގެ ސެމީ ފައިނަލްގައި މިރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެން ނުކުތުމުގެ ގޮތުން އެންމެ ފަހުގެ ތަމްރީނުތައް ބޭއްވުމަށްޓަކައި އެފްއޭއެމްގެ އެއް ނަންބަރު ޓާފްއަށް ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުން ހާޒިރުވީއިރު އެތަނުގައި އުމުރުން 18 އަހަރުގެ ޔައީޝްއާއި އޭނާގެ އާއިލާ ވެސް ތިއްބެވެ. ޕްރެކްޓިސް ފެށުމުގެ ކުރިން ޓީމުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އެތަނުގައި ތިބި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނާއި މީޑިއާގެ ފަރާތްތަކަށް ގޮވާލާފައި ބުނީ މިއަދަކީ ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ.

ދެން ފެނުނީ ޔައީޝްއާއި އޭނާގެ އާއިލާގެ މެންބަރު އެތަނަށް އައިސް ޓީމާއި ބައްދަލު ކުރި މަންޒަރެވެ. އަދި ޔައީޝް ވަރަށް އުފަލުން ހެވިފައި ހުރެ އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިއެވެ. އެ ވަގުތު ގައުމީ ޓީމުގެ ކެޕްޓަން އަދި ނިއުގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގާއި ސަލާމް ކުރި އެވެ.
http://www.sun.mv/albums/l_20394.jpg

"އަޅުގަނޑުމެންނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް އެއީ، ޓީމު އެއްކޮށް ޔައީޝްގެ އެހާ ބޮޑު އުންމީދެއް ހަގީގަތަކަށް ހަދައިދެވޭތީ. އެހެން ވީމާ އަޅުގަނޑުމެން ނިންމާފައި މިވަނީ، އަޅުގަނޑުމެން އެންމެންގެ ފަރާތުން ޔައީޝްއަށް ނިއުރޭޑިއަންޓުގެ ޖާޒީއެއް ހަވާލުކުރުން. ޖާޒީ ހަވާލުކޮށްދޭނީ އަޝްފާގު،" ނިއުގެ ޗެއާމަން ވިދާޅުވި އެވެ.

ދަނގަޑޭ ގައުމީ ޓީމަށާއި އަދި ނިއު އަށް ވެސް ކުޅޭ ޖާޒީ ނަންބަރު 7 ޖަހާފައި އަދި ޔައީޝްގެ ނަން ޖަހާފައިވާ ނިއުރޭޑިއަންޓުގެ ޖާޒީ ދަގަނޑޭގެ އަތުން ޔައީޝްއާ ހަވާލުކުރި ވަގުތު ޔައީޝްގެ މޫނުމަތިން ފެނިގެން ދިޔައީ ވަރަށް ވެސް އުފާވެރި ހިނިތުންވުމެކެވެ. އަދި ޖާޒީއާ ހަވާލުވުމަށް ފަހު ޔައީޝް ވަނީ ދަގަނޑޭއަށާއި މުޅި ޓީމަށް ޝުކުރު އަދާކޮށްފަ އެވެ.
http://www.sun.mv/albums/l_20401.jpg

ޔައީޝް ގޮވައިގެން އެތަނަށް އައިސްހުރި ޔައީޝްގެ މަންމަ އައިޝާ އަބްދުލް ސައްތާރު ބުނީ ޔައީޝް އަކީ ގައުމީ ޓީމަށާއި އަދި ހާއްސަކޮށް ދަނގަޑޭއަށް ވަރަށް ސަޕޯޓުކުރާ ކުއްޖެއް ކަމަށެވެ.

"ޔައީޝް ފުޓްބޯޅައަށް ވަރަށް ފޯރިހުންނާނެ. ގައުމީ ޓީމު ކުޅޭ މެޗުތައް ޔައީޝް ބަލާނެ. އަދި ހާއްސަކޮށް އަޝްފާގަށް ޔައީޝް ވަރަށް ބޮޑަށް ސަޕޯޓުކުރާނެ،" ޔައީޝްގެ މަންމަ ބުންޏެވެ. "ރަތްކުލައިގެ ޖާޒީ ލައިގެން އެހެން ޓީމެއް ކުޅުނަސް ޔައީޝް ހުންނާނެ ގައުމީ ޓީމު ކަމަށް ހީކޮށް ފޫހިކަމެއް ނެތި އެ މެޗެއް ބަލަން."

ނިއުރޭޑިއަންޓުން ވަނީ ރޭ ޕްރެކްޓިސް ފެށުމުގެ ކުރިން ޔައީޝްއާއެކު މުޅި ޓީމު އެއްކޮށް ފޮޓޯނަގައި ޔައީޝްއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.

"މިއީ ނިއުރޭޑިއަންޓުން ޔައީޝްއަށް ހޯދައިދިން ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން މި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޔައީޝްގެ މަންމަ ބުންޏެވެ.

ނިއުރޭޑިއަންޓްގެ ޑައިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް މުޖުތަމައުގައި ހުންނަ މިކަހަލަ ކަންތައްތަކުގައި އެ ކްލަބުން އަބަދުވެސް އުފަލާއެކު ބައިވެރި ވާނެ ކަމަށާއި އެއީ ކްލަބްގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރަން ޖެހޭ ކަމެއް ކަމަށް ދެކޭ ކަމަށެވެ.