30 Sep 2013, 14:54
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން އަންނަ ނޮވެމްބަރު 11ގެ ކުރިން ނުބާއްވައިފިނަމަ، އެމްޑީޕީގެ ބެލުމުގެ ދަށުން އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ބާއްޥާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ އަންނަ ނޮވެމްބަރު 11 ކުރިން އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނުބާއްވާފިއްޔާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވެރިކަމަށް ގެންނަވާނެ ކަމަށެވެ. ނަޝީދު ވެރިކަމަށް ގެންނެވުމަށްފަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާނެ ކަމަށް ވެސް އަސްލަމް ވިދޅުވި އެވެ.
"ނޮވެމްބަރުގެ 11 ކުރިން ދެވަނަ ބުރުގެ ވޯޓުލުން ނުބޭއްވުނަސް ދެވަނަ ބުރެއް ބާއްވާނަން. އަޅުގަނޑުމެންގެ ބެލުމުގެ ދަށުން އެކަމް ބޭއްވެން މި އަންނަނީ،" އަސްލަމް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ ދީދީ ވިދާޅުވީ ނޮވެމްބަރު 11 ގައި ނަޝިދު ވެރިކަމަށް ގެނައުމަށްޓަކައި ސަލާމަތީ ބާރުތަކާއި މަޝްވާރާ ކުރާނެ ކަމަށެވެ. އެ މުއައްސާސާ ތަކުގެ އެއްބާރުލުން ހޯދާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
މަރިޔާ ވިދާޅުވީ ވެރިކަމަށް މީހަކު އަޔަނުދިނުމަށް ފާޅުގައި ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާނެ ފަރާތެއް ސުޕްރީމް ކޯޓަކުން ނުނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވައި އަންނަ ނޮވެމްބަރު 11،ގެ ނިޔަލަށް ރައްޔިތުންގެ ވޯޓަކުން އައްޔަންކުރާ ރައީސުލްޖުމްހޫރިއްޔާ އަކު ނެތް ނަމަ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރި ކަމަށް ގެންނަން ކުރަން ޖެހޭ ކަންކަން ކުރުމަށް ވަނީ ގަރާރެއް ފާސްކޮށްފި އެވެ.