30 Sep 2013, 14:54
ފުލުހުންގެ އިންޓަލިޖަންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީހަމީދު) ފުލުހުންގެ ވަޒީފާ އިން ވަކި ކުރިއިރު ހުރި މަގާމާ އެއް ފެންވަރުގެ މަގާމެއްދީ ވަޒީފާ އަށް އަނބުރާ ރުޒޫއަ ކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މިގޮތަށް ހުކުމްކޮށްފައި ވަނީ ވަޒީފާ އަނބުރާ ހޯދުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް މުހައްމަދު ހަމީދު ކޮށްފައިވާ ދައުވާގެ ހުކުމް އިއްވަވަމުންނެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ހަމީދުގެ މައްޗަށް ކޮށްފައިވަނީ ޖިނާއީ ދައުވާއެއް ކަމުގައިވާއިރު ޖިނާއީ އަދުލުގެ ނިޒާމުގެ ބޭރުން އޭނާ ވަޒީފާއިން ވަކިކުރުމަކީ ސުޕްރީމް ކޯޓުގެ ކަނޑައަޅާފައިވާ ގޮތަށް އެ ކުށަކަށް ދެ ފަހަރު އަދަބުދިނުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ހަމީދު ވަޒީފާއިން ވަކިކޮށްފައިވަނީ މަދަނީ މަދަނީ މިންގަނޑުން ޝާބިތުވާކަމަށް ކަނޑައަޅައިގެން ކަމުގައިވާތީ އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން ބާތިލް ކުރުމަށް ވެސް ކޯޓުގެ ހުކުމުގައިވެ އެވެ. ސިވިލް ކޯޓުން މިމައްސަލާގައި ގޮތެއް ނިންމުމުގައި ރިޔާއަތްކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ މެމްބަރު ކަމުން ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމަށެވެ.
ހުކުމުގައި ބުނެފައި ވަނީ 07 އޮގަސްޓް 2012 އިން ފެށިގެން މުހައްމަދު ހަމީދު ވަޒީފާ އިން ވަކިވެވަފައިވާ ކަމަށް ނުބެލުމަށާއި މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އޭނާ އަށް ވަޒީފާ ދިނުމަށް ވެސް ހުކުމުގައިވެ އެވެ. އަދި ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން ދިނުމާ ހަމައަށް މުހައްމަދު ހަމީދަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޭނާ އަށް ދިނުމަށް ވެސް ހުކުމުގައިވެ އެވެ.
މީގެ އިތުރުން މުހައްމަދު ހަމީދު ފުލުހުންގެ ވަޒީފާ އިން ވަކިކުރުމުން ހިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ހިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި މަގާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް ވެސް މޯލްޑިވްސްގެ ޕޮލިސް ސާވިސް އަށް ވަނީ އަންގައިފަ އެވެ.
އެމްސީ ހަމީދު ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އެމްޑީޕީން ނެރުނު ފޮތަކަށް ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ހިއްސާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެމްސީ ހަމީދު އެ މައުލޫމާތު ހިއްސާ ކުރި ކަމަށް ވަނީ ރައީސް ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށެވެ.