މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަޅާފައި ހުރި 104 ޕެކެޓް (ބުލެޓް) ދިރުވާލައިގެން ރާއްޖެއައި މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައިފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ބުލެޓްތައް ދިރުވާލައިގެން ހުރި މީހާ ރާއްޖެ އައީ މި މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ. އަދި ބުނީ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައި އެމީހާ ހިފެހެއްޓީ ކަސްޓަމްސް އޮފިސަރުންނަށް ޝައްކުވެގެން ކަމަށެވެ.

އޭނާ ހެރޮއިން ޕެކެޓްތައް ދިރުވާލައިގެން އޭނާ ހުރިކަން އެނގުނީ ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނަގައިގެން ބެލުމުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްގެން ބެލީ އޭނާގެ އެތެރެހަށީގައި އެއްޗެއް ފޮރުވާފައި އޮވެދާނެ ކަމަށް ބެލެވިގެންނެވެ. އެގޮތަށް ބެލެވުނީ ކަސްޓަމްސް އޮފިސަރުން އޭނާއާ ސުވާލުކުރުމުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އެ ހިސާބުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޓަކައި އޭނާގެ ހަށިގަނޑުގެ ތެރެއިން ފެނުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެކަމާ ގުޅުން ހުރި އިތުރު މީހަކު ފުލުހުން ފަހުން ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ.