މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013ގެ ކެޓަގަރީތަކަށް އިންޓަނެޓް މެދުވެރިކޮށް 116000 ފަރާތަކުން ވޯޓް ލައިފި އެވެ.

މި އަހަރަރުގެ ޖުލައި މަހުގެ 15 ގައި ހުޅުވާލި އެ ފުރުސަތުގެ ރޭ ހަމަވެފައިވާ އިރު ދުނިޔޭގެ އެކިކަންކޮޅުތަކުން 116000 އަށް ވުރެ ގިނަ މީހުން ވޯޓް ލާފައި ވުމީ މިދިޔަ އަހަރާއި އަޅާބަލާ އިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މަޓާޓޯ އިން ބުންޏެވެ.

މަޓާޓޯ އިން ބުނީ ވޯޓްގެ ނަތީޖާ ފާޅުކުރުން އޮންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު އޮޅުވެލި ރިސޯޓްގައި ބާއްވާ "މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013" އިވެންޓްގައި ކަމަށެވެ.

މިފަހަރު އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކުގެ ތެރޭގައި، އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، ހޮޓެލްސް، ރިޒޯޓްސް، ލައިވްބޯޑްސް، ޓްރެވަލް ޓެކްނޯލޮޖީ، ސީއެސްއާރު އަދި މުޅިން އަލަށް އިތުރު ކުރެވުނު އެންޑް ގެސްޓް ހައުސަސް ކެޓަގަރީ ހިމެނެ އެވެ. އެ ކެޓަގަރީތައް 20 ސަބް ކެޓަގަރީއަކަށް ބާހާލެވިފާއިވާ އިރު އޭގެ އިތުރުން މިފަހަރު މަޓާޓޯގެ މެންބަރުންނާއި އެގްޒެކެޓިވް ބޯޑު މެންބަރުންގެ ފަރާތުން ހުށަހަޅާފައިވާ ހާއްސަ ދެ އެވޯޑު ކަމަށްވާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި މޯސްޓް ސަޕޯޓިވް ރިޒޯޓް އެވޯޑް ހިމެނެ އެވެ.

އެވޯޑަށް ކުރިމަތިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ވަނަތަކަށް އަންނަ ފަރާތްތައް ކަނޑައެޅުމަށް 40 އިންސައްތަ ވޯޓް، އިންޓަނެޓުގެ ޒަރީއާ އިން ދެވޭގޮތަށް ހަމަޖެހިފައިވާ އިރު، ބާކީ 60 އިންސައްތަ ވޯޓް ދިނުމަށް ހަމަޖެހިފައި ވަނީ މިނިވަން ޖަޖުންގެ ޕެނަލަކުން ނެވެ.