30 Sep 2013, 14:26
އެމްޑީޕީ އިން ރޭ ކުރި މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމެޓީ އަށް ހާޒިރު ކުރުމަށް އެ ކޮމެޓީން ދާދި ދެންމެއަކު ފާސްކޮށްފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އިމްތިޔާޒް ކޮމެޓީގެ މުގައްރިރު އިންތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އާލީ އާޒިމް ކޮމެޓީ އަށް ހާޒިރު ކުރަނީ ރޭ އެމްޑީޕީން ކުރި މުޒާހަރާއެއްގެ ތެރޭގައި އޭނާ އަށް ވަރަށް އަނިޔާވެރި ގޮތަކަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ކޮމެޓީ އަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އިންތި ވިދާޅުވީ އަލީ އާޒިމް ހައްޔަރު ކޮށްފައިވާ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް އަންގަވާފައިވާ ކަމަށެވެ.
އިންތި ވިދާޅުވީ އަލީ އާޒިމް ކޮމެޓީ އަށް ހަޒިރު ކުރަނީ ފުލުހުން އޭނާ ހައްރު ކުރުމުގައި އަމަލު ކޮށްފައިވާ ގޮތާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ކަމަށެވެ.
އިންތި ވިދާޅުވީ މިއަދު 2:30 ގައި އަލީ އާޒިމް ކްރިމިނަލް ކޯޓަށް ހާޒިރު ކުރާ ކަމުގެ މައުލޫމާތު ކޮމެޓީ އަށް ލިބިފައިވާ ކަމަށެވެ. އެހެން ކަމުން ކޮމެޓީން ފާސް ކޮށްފައި ވަނީ ފުލުހުންނާ ވާހަކަ ދައްކައިގެން އޭނާ ކޯޓަށް ހާޒިރު ކުރުމުގެ ކުރިން އޭނާ ކޮމެޓީ އަށް ހާޒިރު ކުރުމަށް މަސައްކަތް ކުރުން ކަމަށް އިންތި ވިދާޅުވި އެވެ.
އިންތި އިތުރަށް ވިދާޅުވީ އާޒިމު ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ކޮމެޓީ އަށް ހާޒިރު ކުރެވެން ނެތް ނަމަ އާޒިމު ހުރި ތަނަކަށް ކޮމެޓީ ގޮސް މައުލޫމާތު ސާފުކުރަން ބޭނުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އަލީ އާޒިމް ހައްޔަރު ކުރުމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ފުލުހުން އެއް ވެސް ކަމެއްކޮށްފައި ވާނަ އެ ފުލުހަކާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކުގައި ފިޔަވަޅު އެޅުމަށް އެދޭނެ ކަމަށެވެ.
ރޭ ކުރި މުޒާހަރާގައި އާޒިމް ވަނީ ފުލުހުންގެ ބެރިކޭޑުތައް ފަޅާލައި ފުލުހުންގެ ސަފުތެރެ އަށް ވަދެގަތުމަށް މުޒާހަރާގެ ބައިވެރީންނަށް އިރުޝާދު ދެއްވައިފަ އެވެ.