ދަނޑުވެރިކަމަށާއި މަސްވެރިކަމަށް އަދި އެކަންކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް، 21 އަހަރު ދުވަހުގެ މުއްދަތަށް ހަތަރު ރަށަކާއި ލ. ގަމު ކުރުހިންނަ ސަރަހައްދުން ހަ ބިމެއް ކުއްޔަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން ދަނޑުވެރިކަމަށާއި މަސްވެރިކަމަށް ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައި ވަނީ ހއ. ވަނގާރު، ބ. މާރިކިލު، ރ. ލިބޯކަންދޫ އަދި ގދ. ކާށިހުޅުދޫ އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުން އެ ހަތަރު ރަށުގެ ތެރެއިން ވަނގާރަށާއި މާރިކިލަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އަންނަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ކުރިންނެވެ. އަދި ލިބޯކަންދޫ އާއި ކާށިހުޅުދުއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އޮކްޓޯބަރު 24ވަނަ ދުވަހުގެ ކުރިންނެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުން ގަމުގެ ކުރުހިންނަ ސަރަހައްދުގައިވާ އެ މިނިސްޓްރީގެ ބިމުގެ ސަރަހައްދުން ހަ ބިމެއް ދަނޑުވެރިކަމާ ގުޅުންހުރި ތަފާތު މަސައްކަތްތައް ކުރުމަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ ދަނޑުވެރިކަމާއި ގެރިބަކަރި އަދި ކުކުޅު ގެންގުޅުމުގެ މަސައްކަތްތަކަށް ބޭނުންވާ ބިން ލިބޭނެމަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކެއް ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.