30 Sep 2013, 13:42
މިމަހުގެ 24 ވަނަ ދުވަހު ޕާކިސްތާނުގެ ގަވްދާރު ސަރަހައްދަށް އައި ވަރުގަދަ ބިންހެލުމުގައި ގާތްގަނޑަކަށް 500 މީހުން މަރުވި އެވެ. އެބިންހެލުމުގައި އެތައް ހާސްބައެއްގެ ގެދޮރު ނެތިދިޔަ އެވެ. އެއާ އެކު އެ ސަރަހައްދުގެ އައްސޭރީގެ މޭލެއްހާ ބޭރުން އާ ރަށެއް ވެސް ހިކުނެވެ.
އެންމެންނަށް ބޮޑު ހައިރާން ކަމެއް ލިބުނު އެރަށަކީ "ކިސަޑު އަލިފާން ފަރުބަދަ" (މަޑްވޯލްކެނޯ) އެއް ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ނެޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ބުންޏެވެ.
ނާސާ އިން އެހެން ބުނީ ސެޓެލައިޓް ބޭނުންކޮށްގެން ނަގާފައިވާ އެރަށުގެ ފޮޓޯތައް އާއްމުކުރަމުންނެވެ. ނާސާ އިން އާއްމުކުރި އެރަށުގެ ދެ ފޮޓޯއާ އެކު އެ ސަރަހައްދު އޭގެ ކުރިން އޮތް ގޮތް ފެންނަ ފޮޓޯއެއް ވެސް އާއްމުކުރި އެވެ. އެއީ މި އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ނާސާގެ އާތު އޮބްޒާވިން 1 ސެޓެލައިޓްގައިވާ އެޑްވާންސްޑް ލޭންޑް އިމޭޖަރ އިން ނަގާފައިވާ ފޮޓޯއެކެވެ. އާރަށުގެ ފޮޓޯތައް ވެސް ނެގީ އެސެޓެލައިޓް ބޭނުންކޮށްގެން ކަމަށް ނާސާގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
http://www.sun.mv/albums/l_20385.jpg
ކިސަޑު އަލިފާން ފަރުބަދަ އާއްމުކޮށް އުފެދެނީ ބިމުގެ އެންމެ އެތެރޭ ފަށައިލައިގާ ހިނގާ ހަރަކާތެއްގެ ސަބަބުން ބޭރުވާ ހޫނު ފެނާއި ގޭހުގެ ސަބަބުން ކަމަށް ސައިންސްވެރިން ވަނީ ހޯދާފަ އެވެ. ނަމަވެސް އެނޫން ގޮތް ގޮތުން ވެސް އެފަދަ ފަރުބަދަ އުފެދޭ ކަން ދިރާސާ ތަކުން ވަނީ އެނގިފައެވެ. އެފަދަ ފަރުބަދަތަކުން އާއްމުކޮށް ބޭރުވާ ގޭހެއްގެ ގޮތުގައި ފާހަގަވެފައި ވަނީ ހުޅުހިފާ ގޭހެއް ކަމަށްވާ "މީތޭން" އެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުން މިހާތަނަށް އެފަދަ 700 ފަރުބަދަ ވަނީ ފެނިފަ އެވެ.
ޕާކިސްތާނުގެ އައްސޭރީގައި އުފެދުނު ރަށުން ގިނަ މިންވަރަކަށް މީތޭން ގޭސް ބޭރުވަމުންދާ ކަމަށް އެގައުމުގެ ސައިންސްވެރިން ވަނީ ކުރިން ބުނެފަ އެވެ.
http://www.sun.mv/albums/l_20387.jpg
ޕާކިސްތާނުގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް އޯޝަނޯގްރަފީ (އެންއައިއޯ) އާ ހަވާލާދީ އެގައުމުގެ ޖިއޯޓީވީން މިމަހުގެ 26 ވަނަ ދުވަހު ބުނީ ރަށުގެ އެކި ހިސާބުތަކުން މީތޭން ގޭސް ބޭރުވަމުންދާ ކަމަށެވެ. އަދި ބުނީ އެރަށުން ކަނޑުގެ ދިރުންތައް ފެންނަން ހުރި ކަމަށެވެ.
"އަޅުގަނޑުމެންގެ ޓީމުގެ މެމްބަރުންނަށް ފެނުނު އެރަށުގެ އެކި ހިސާބުތަކުން ބޮކިތައް (ބަބުލްސް) އަރަމުންދާ ތަން، އަލިފާން ދަނޑިއެއް އެޅުމުން އޭގައި ރޯވޭ. އެހެންވެ، ހުޅު ރޯ ކުރުން އަޅުގަނޑުމެންގެ ޓީމަށް މަނާކުރިން،" އެން އައިއޯގެ މެރިން ބަޔޮލޮޖިސްޓް މުހައްމަދު ދާނިޝް ވިދާޅުވެފައިވެ އެވެ.
ޕާކިސްތާނަށް އައި ބިންހެލުމުގައި އުފެދުނު އެ ރަށުގެ އުސްމިނުގައި ކަނޑުގެ ސަތަހައިން ފެށިގެން 60 ފޫޓް ހުރެއެވެ. އެރަށުގެ ދިގުމިނުގައި ބައެއް ދިމަ ދިމައިގައި 200 މީޓަރު އަދި އަނެއްބައި ދިމާގައި 300 މީޓަރު ހުރެ އެވެ. ފުޅާމިނުގައި ބައެއް ދިމަދިމާގައި 100 މީޓަރު އަދި އަނެއްބައި ދިމާގައި 120 މީޓަރު ހުރެ އެވެ.