ރާއްޖޭގެ މަސްރަހު މިހާރު އޮތްގޮތާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ބަޔާންކޮށް، ސިފައިންގެ ހަތަރު އޮފިސަރަކު ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމަށް ލިޔުމެއް ފޮނުއްވައިފި އެވެ.

ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ލިޔުމުގައި ސޮއި ކުރައްވާފައި ވަނީ ސިފައިންގެ ތެރޭ ހިމެނޭ ޖެނެރަލަކާއި ތިން ކާނަލަކު ކަމަށް އެ ލިޔުމުގައި ސޮއިކުރެއްވި އޮފިސަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެމްއެންއެންޑީއެފްގެ ތަރުޖަމާން ކާނަލް އަބްދުއްރަހީމް މިއަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިދިޔަ ހަފްތާތެރޭ ޝިޔާމާ ބައްދަލު ކުރައްވައި، އޮފިސަރުންގެ ތެރޭ ހުރި ކަންބޮޑުވުންތައް ބަޔާންކުރުމަށް ފަހު އެ ވާހަކަތަކާ ގުޅޭ ޑޮކިއުމަންޓެއް ހުށަހަޅާފައިވާ ކަމަށެވެ.

"އޭގައި ހިމެނެނީ މިހާރު ގައުމުގައި ހިނގާ ކަންތައްތަކުގައި އާޅަގަނޑުމެން ކޮންސާންވާ މައްސަލަތައް. އެއީ ހަމަ އާންމުކޮށް ކުރިއަށްދާ ބައްދަލުވުމެއް. އެގޮތުން އެމްއެންޑީއެފް ހިންގާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިފައިންގެ ތެރޭ އޮފިސަރުން ކަންބޮޑުވާ ކަމެއްވާ ނަމަ އެކަން ޗީފް އާއި ނުވަތަ ވައިސް ޗީފާ ބައްދަލުކޮށް ހުށަހަޅާ ކަމަށެވެ. އަދި އެއީ އާންމުކޮށް ސިފައިންގެ ތެރޭ ހިނގާ ކަމެއް ކަމަށް ވެސް އަބުދުއްރަހީމް ވިދާޅުވި އެވެ.

ސިފައިންގެ ހަތަރު އޮފިސަރަކު ޗީފް އޮފް ޑިފެންސް ފޯސް އަށް ލިޔުމެއް ހުށަހެޅި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަށް ނުބަލައި ވެރިކަން ބަދަލު ކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި އެމްޑީޕީން ކުރާ އެ މަސައްކަތުގައި ނަޝީދަށް ތާއީދު ކުރައްވާ ސިފައިންނާއި ފުލުހުން އެމްޑީޕީއާ ގުޅުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.

އަދި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެފައި ވަނީ "އިންޑިއާ ސިފައިން ރާއްޖެ އަރައިގަނެ" ވެރިކަމާ ހަވާލުވުމަށެވެ. އޭނާ ވިދާޅުވެފައި ވަނީ އިންޑިއާ އިން ދިވެހި ރާއްޖޭގެ މައްޗަށް "އާރުޓުޕީ" (R2P) ހިންގަން ޖެހޭ ކަމަށެވެ.

އދ.ގެ "އާރުޓުޕީ"ގައި ބުނެފައި ވަނީ ބޮޑެތި ޖަރީމާތައް ހުއްޓުވުމާ "އާރުޓުޕީ" ބޭނުން ކުރެވޭނެ ކަމަށެވެ. މިގޮތުން ހަތަރު ޖަރީމާއެއް ފާހަގަކޮށްފައިވެ އެވެ. އެއީ ހަނގުރާމައިގެ ޖަރީމާތައް، ނަސްލު ސާފުކޮށްލުން، އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ޖަރީމާތައް އަދި ނަސްލު ނައްތާލުމަށް ހިންގޭ ޖަރީމާތަކެވެ.