30 Sep 2013, 13:08
ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރި މައްސަލައިގެ ޝަރީއަތަށް ހާޒިރުނުވެގެން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ފުލުހުން ހައްޔަރުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ހާމިދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރި މައްސަލައިގެ ޝަރީއަތަށް ހާޒިރުވާން އޭނާ އަށް ޗިޓު ފޮނުވުމުން ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލް ވިދާޅުވީ ފުރަތަމަ ފޮނުވި ޗިޓަށް ކޯޓަށް ހާޒިރުނުވުމުން އޭގެފަހުން އޭނާއާ ޗިޓް ހަވާލުކުރުމަށް ތަކުރާރުކޮށް އޭނާގެ ގެއަށް ދިޔުމުން ކޯޓު އަމުރާ ހަވާލުވުމަށް އެގެއިން އިންކާރުކޮށްފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ހދ. ހޮނދައިދޫގައި މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުންގެ އޮފިސަރަކު އެންގުމުން އެކަމަށް އިންކާރުކޮށްފައިވާތީ އެވެ.
ހާމިދު ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު 1:15 އެހައިކަންހާއިރު އޭނާ ދިރިއުޅުއްވާ ގޭގައި ހުއްޓަ އެވެ.